ޒަމާނާއި ވަގުތާއި ހާލަތަކީ ތާ އަބަދުމެ ބަދަލުވަމުން ދާ އެއްޗެކެވެ. ނަމަވެސް އަފްގާނިސްތާނުގެ ކަންކަމުގައި މިކަން ފެނިގެންދަނީ އިންތިހާ ހަލުވި ދުވެއްޔެއްގައެވެ.

އަފްގާނިސްތާނުގައި 20 އަހަރު ދުވަހުގެ ހަނގުރާމައެއް ކުރަމުން ދިޔަ އެމެރިކާއިން އަފްގާނިސްތާނު ދޫކޮށް، ފައުޖުތައް ބާލަން ފަށާ ހިސާބުން ތޯލިބާނުން އަނެއްކާވެސް އަތްގަދަ ކުރަން ފަށާނެ ކަމަށް އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ. ނަމަވެސް އެކަން ވާނެ ކަމަށް ލަފާކުރެވުނު މުހުލަތު މާ ބޮޑަށްވެސް ތަފާތެވެ. މުޅި އަފްގާނިސްތާނަށް ތޯލިބާނުން އަތްގަދަކޮށް، ވެރިކަން ހިންގަން ފެށީ، ހީވެސް ނުކުރާހާ ހަލުވިކަމާއި އަވަސްކަމާ އެކުގައެވެ.

އަފްގާނިސްތާނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަޝްރަފު ޣަނީ މިވަގުތު، އެކުވެރި އަރަބި އިމާރާތުގައި ހުންނެވިއިރު، އެތައް ހާސް ރައްޔިތުންނަކާ ބިދޭސީންނެއް ވަނީ އަފްގާނިސްތާނު ދޫކޮށް ފުރާފައެވެ. އަފްގާނިސްތާނުގެ ސަރުކާރު ވެއްޓިއްޖެ ކަމީ އެންމެން ގަބޫލު ކުރާ ހަގީގަތެކެވެ. ނަމަވެސް، ސަރުކާރުގައި ތިއްބެވި ވަޒީރުން މިހާރު ކޮބައިތޯ ކުރެވެނީ ހަމަ ސުވާލެކެވެ.

މި ފަދައިން ކުރެވުނު އެއް ސުވާލަށް ޖަވާބެއް ލިބުނީ، އަފްގާނިސްތާނުގައި ކުރިން ވަޒީރުކަން ކުރެއްވި މިނިސްޓަރެއްގެ ފޮޓޯޓައް ސޯޝަލް މީޑިއާ ފަތަހަ ކުރި ހިސާބުންނެވެ. އެ ވަޒީރުގެ ފޮޓޯގައި ފެނިގެންދަނީ ޕިއްޒާ ޑެލިވާ ކުރުމުގެ މަސައްކަތުގައި އޭނާ މަސައްކަތް ކުރައްވާ މަންޒަރެވެ.

އަފްގާނިސްތާނުގައި އަޝްރަފު ޣަނީގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ސައީދު އަހުމަދު ޝާހް ސާދާތު / ފޮޓޯ: ނިއުސް ފައިލް

ފޮޓޯއިން ފެންނަނީ އަފްގާނިސްތާނުގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ވަޒީރު ކަން ކުރެއްވި ސައީދު އަހުމަދު ޝާހް ސާދާތުއެވެ. އޮރެންޖު ކުލައިގެ ގަމީހެއް ތުރުކުރައްވައިގެން، ބައިސްކަލެއްގައި ކޮޅުކޮޅު މައްޗަށް ދުއްވަވާތީއެވެ. މި ފޮޓޯތަކުން ފެންނަނީ ޖަރުމަނުވިލާތެވެ. މަންޒަރުތައް ނަގާފައި ވަނީ ޖަރުމަނުވިލާތުގެ ނޫސްވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސާދާތުވެސް ވަނީ ފޮޓޯތަކުން ފެންނަނީ އޭނާ ކަން، ބައިނަލްއަގުވާމީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.

އޮކްސްފޯޑުން މަތީ ތައުލީމު ހާސިލު ކުރައްވާފައި ވާ ސާދާތު، އަޝްރަފު ޣަނީގެ ސަރުކާރާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން 2 އަހަރު ދުވަހު ސަރުކާރަށް ހިދުމަތް ކުރެއްވުމަށްފަހު، މަގާމުން އިސްތިއުފާ ދެއްވިއެވެ. ސާދާތު ޖަރުމަނުވިލާތަށް ވަޑައިގަތީ 2020 ވަނަ އަހަރު ކަމަށް ހަބަރު ލިބެއެވެ.