ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގާނޫނާއި ގަވާއިދުގެ އޯޑިއޯ ރެކޯޑިން އެޓާނީ ޖެނަރަލް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އާންމުކޮށްފިއެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި ގަވާއިދުގެ އޯޑިއޯ ރެކޯޑިން ބަންޑާރަ ނާއިބުގެ އޮފީހުގެ ވެބްސައިޓާ، ހުރިހާ ގާނޫނުތައް ފެންނަން އާންމުކޮށްފައިވާ "އެމްވީ ލޯ" ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

ރިފްއަތު ވަނީ އެމަސައްކަތް ކުރުމުގައި ޔޫއެންޑީޕީ މޯލްޑިވްސް އާއި އޮސްޓްރޭލިޔަން ހައިކޮމިޝަނުން ފޯރުކޮށްދިން އެހީއަށް ޝުކުރު ދަންނަވާފައެވެ.

އެ މަސައްކަތަކީ، އޭޖީ އޮފީހުން ގާނޫނުތަކާ ގަވާއިދުތައް ޝާއިއުކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް ފަސޭހައިން ވާސިލްވުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވިފައިވާ މަސައްކަތެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ބުނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގާނޫނީ އެކި މަސްދަރުތަކަށް އަހުލުވެރިވުމަށާ، އެންމެ އެދެވިގެންވާ ގޮތުގައި ގާނޫނީ ދާއިރާއާ ގުޅޭ މައުލޫމާތު ލިބުމަށް ދަތިވެފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައަށް އެ މަސައްކަތުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ދެކޭ ކަމަށެވެ.

އަދި އެ މަސައްކަތުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މެދުގައި ގާނޫނީ އަހުލުވެރިކަން އިތުރުވެގެންދިއުމަށް މަގުފަހިވެގެން ދާނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ގާނޫނީ ދާއިރާ އިތުރަށް ތަރައްގީކޮށް، ދިވެހިރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ މަގްސަދުގައި، ގާނޫނުތަކާއި ގަވާއިދުތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރިއަށް އޮތް ތަނުގައި، އިތުރު ގާނޫނުތަކާ ގަވާއިދުތަކުގެ އޯޑިއޯ ރެކޯޑިންތައްވެސް އޭޖީ އޮފީހުގެ ވެބްސައިޓްގައި އާންމު ކުރާނެ ކަމަށް އޭޖީ އެފީހުން ބުނެއެވެ.