ލ. ގަމު ތުނޑީ އަވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ އެމަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމް ކަމަށެވެ.

އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގު ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާ، 488 މީޓަރުގެ ބޭރުތޮށި ލުމާ، 310 މީޓަރުގެ އެއްގަމުތޮށި ލުމާ، 25މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުން ހިމެނެއެވެ.

އޭގެ އިތުރުން 550,1 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމަޝްރޫއުގެ ދަށުން ހިމެނެއެވެ.

އެމްޓީސީސީން ބުނީ މިއީ 71.24 މިލިއަން ރުފިޔާ އަށް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.