ޖިންސީ ކުށުގެ ދައުވާގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި ހުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްފައިވާ ކަމުގެ މައުލުމާތު ލިބިފައި ނުވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ މީޑިއާތަކަށް މައުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް އިނގިރޭސިވިލާތުގެ ފުލުހުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އަލީ ވަހީދު ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް އިނގިރޭސި ފުލުހުންނާ ގުޅޭ އެއްވެސް ފަރާތަކުން އަދި ހިއްސާ ކޮށްފައި ނުވާ ކަަމަށެވެ. އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް އަދި ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލީ ވަހީދު ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަމާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔޫކޭގެ ފުލުހުން ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އޭނާ ރާއްޖެ އައުމަށް ކްރިމިނަލް ކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް އޮތީ އަންގާފައެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.

އެ 7 ދައުވާގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.