މަނީލޯންޑަރިން އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ 5 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން 6 މަސްދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައިވާ 5،000،000 ޔޫއެސް ޑޮލަރު މިހާތަނަށް ދައްކަވާފައި ނުވާތީ އެޓާނީ ޖެނެރަލް (އޭޖީ) ސިވިލް ކޯޓަށް ހުކުމް ތަންފީޒު ކޮށްދިނުމަށް ހުށަހަޅައިފިއެވެ.

މި ފައިސާ ދެއްކުމަށް ޔާމީނުގެ މަށްޗަށް ހުކުމް ކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. އެ ހުކުމުގައި ޖޫރިމަނާ ފައިސާ މަދުވެގެން 6 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކެވުމަށް ވެއެވެ. އެހެން ނަމަވެސް އެ ފައިސާ ދެއްކެވުމަށް ދިން މުއްދަތު ހަމަވި އިރު ވެސް އެ ފައިސާ ދައްކަވާފައި ނުވާތީ އިތުރު 30 ދުވަހުގެ މުއްދަތެއް ޖޫން 26، 2021 ގައި ފައިސާ ދެއްކެވުމަށް މީރާއިން ނޯޓިސް ފޮނުވާފައި ވާކަމަށް އޭޖީ އިން ބުނެއެވެ.

އޭޖީ އިން ބުނީ މި 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ވެސް އެ ފައިސާ ޔާމީން އަދާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައި ވާކަމަށް އޭޖީ އިން ބުނެއެވެ. މީގެ އިތުރުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އިރު އެދިފައި ވާނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ޔާމީންގެ ފަރާތުން ޖޫރިމަނާއެއްގެ ގޮތުގައި ދެއްކުމަށް އަމުރު ކޮށްފައިވާ 5،000،000 ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދިނުމަށް ކަމަށް ވެސް އޭޖީ އިން ބުނެއެވެ.

އޭޖީ އިން މި މައްސަލަ ސިވިލް ކޯތަށް ހުށަހަޅާފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުންކަށް އޭޖީ އިން ބުނެއެވެ. އެ މާއްދާގައި ބުނެފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ.

ޔާމީންގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވައި އެ ހުކުމް ތަންފީޒު ކުރަމުން ދާއިރު އެމަނިކުފާނު މިހާރު ހުންނެވީ ގޭ ބަންދުގައެވެ.