ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 3 ލައްކައިން މައްޗަށް އަރާފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ވެކްސިންގެ މައުލޫމާތަށް ބަލާ އިރު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 376،630 މީހުންނެވެ. އޭގެތެރެއިން 300،064 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 23 ވަނަ ދުވަހު އަތޮޅުތެރެއިން 2،406 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 2،191 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 215 މީހެކެވެ. ހަމައެއާއެކު މާލެއިން 1،923 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 1،662 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 261 މީހެކެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްސިންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

މީގެ އިތުރުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ދަނީ ކުރިއަށެވެ. ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިއްޔެ ގެ ނިޔަލަށް ވެކްސިންޖެހޭ 12 އަހަރާ 17 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން މާލޭގައި ތައުލީމު ހާސިލުކުރާ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖަހާ ނިންމާފައި ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، ރާއްޖޭގެ މުޅި އާބާދީގެ 80 ޕަސެންޓް މީހުން ޖަހާ ނިންމާފައި ވާ ކަމަށެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ.

މީގެއިތުރުން އެއްވެސް ވެކްސިން ޖަހާފައިނުވާ 60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭއިން ވަނީ އިއްޔެ ނިންމާފައެވެ. އެޗްޕީއޭއިން ބުނީ އެއްވެސް ވެކްސިނެއް ނުޖަހާ ތިބި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހާނީ އެޗްޕީއޭގެ ވެކްސިން ޕޯޓަލް މެދުވެރިކޮށް އެޕްއިންޓްމަންޓް ހައްދައިގެން ކަމަށެވެ.