ޅ. ކުރެންދޫގައި މުދިމަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ސަމާލުކަމަށް އައިސް އެ މައްސަލަ ބަލަން ފަށައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާލުވެފައި ވަނީ ޅ. ކުރެންދޫގައި މުދިމަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ޕީޖީގެ ސަމާލުކަމަށް އައިސް އެ މައްސަލަ ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މިބާވަތުގެ މައްސަލަތަށް ތަހުގީގު ކުރުމަށް ހުރަސް އެޅުމަށް މަސައްކަތް ކުރާ މީހުންނާ މެދު ވެސް ފިޔަވަޅު އެޅޭނެ ގާނޫނީ ޖާގަ އޮތްތޯ ބައްލަވަމުން ގެންދަވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށް އެންމެ ފުރަތަމަ އެ ކުއްޖާ ވެފައި ވަނީ އުމުރުން 10 އަހަރުގައި ކަމަށް ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ އާއިލާ އަށް ހަވާލާދީ މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. އަދި އޭރު އެކުއްޖާ އެވާހަކަ އާއިލާ މެންބަރަކަށް ކިޔައިިދީފައި ނުވާ ކަމަށާ އޭރު އެ ކުއްޖާ ކިޔަވަމުން ދިޔައީ މުދިމު ކައިރިން ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުރެންދޫ ކައުންސިލް ރައީސް އިބްރާހިމް ސިމާއު ވިދާޅުވީ އެ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް ވެސް އައިސްފައި ވަނީ މިދިޔަ ހަފްތާގައި އޭނާ ފުލުހަށް ހާޒިރުކޮށް ބަޔާން ނެގުމަށް ގެންދިއުމުން ކަމަށެވެ. އަދި މިހާރު ގޭގައި މަޑުކުރުމަށް އިސްލާމިކް މިނިސްޓްރީން ވެސް އަންގާފައިވާ ކަމަށް ސިމާއު ވިދާޅުވިއެވެ.