އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ވާދަނުކުރެއްވޭނެ ކަމަށް އެ ޕާޓީގެ ސެކްރެޓޭރިއަޓުން ނިންމި މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މަހްލޫފް ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މަހްލޫފް ކުރިމަތިލެއްވިއިރު، ހިޔާނާތާއި މަރުގެ މައްސަލަތަކުގެ ތުހުމަތުވާ މީހުނަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ގައުމީ މަޖިލީހުގެ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފައެވެ.
މަހްލޫފް މިއަދު ވިދާޅުވީ މި މައްސަލަ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ކޮމިޓީއާއި އެމްޑީޕީގައި އިންނަ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ވެސް ހުށަހެޅުމުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް މިހާރު އެންމެ 30 ދުވަހަށްވެފައިވާ ކަން ފާހަގަ ކުރައްވައި މަހްލޫފް ވިދާޅުވީ މިހާރު އެ މައްސަލަ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތީ މެއި 29 ގައެވެ. އެހެންނަމަވެސް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލައާ ގުޅިގެން އިންތިހާބު ވަނީ ސެޕްޓެމްބަރު މަހަށް ފަސްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވިތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަން ވަކިގޮތެއް ޕީޖީ އޮފީހުން އަދި ނިންމާފައެއް ނުވެއެވެ.
މަހުލޫފު ވަނީ އޭނާއާ މެދު ޕީޖީން ތަފާތު ކުރާކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި އޭނާއަށް ކުރެވޭ ތުހުމަތުތައް ސާބިތުކުރެވޭ ވަރަށް ހެކި ނުހުންނާނެ ކަަމަށާއި، އެ މައްސަލަ ކޯޓަށް ފޮނުވައިފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވިދާޅުވެފައެވެ.