ކޮވިޑް-19އިން ދިފާއު ވުމަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިންދިނުމުގެ ޕްރޮގްރާމްގެ ދަށުން މާލޭގެ ސްކޫލްތަކުގެ ކުދިންނަށް މިއަދު ފުރަތަމަ ޑޯޒް ޖަހާ ނިމޭނެ ކަމަށް އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޝެޑިއުލް ކޮށްފައިވާ ގޮތުން މިއަދު ނިމޭނެ ކަމަށާއި އެހެންނަމަވެސް މިއަދު ހުރިހާ ކުދިންނަށްޖަހާ ނިމޭނެ ކަން އަދި ޔަގީން ނުވާ ކަމަށެވެ.
ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިމަހު 15 ވަަނަ ދުވަހު ފާށާފައިވާއިރު މިހާތަނަށް 25,404 ކުދީންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ޖުމްލަ 162 ސްކޫލަކުން ދަރިވަރުންނަށް ވެކްސިން ޖަހަން ފަށާފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެއެވެ.
ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ 35 ހާސް ކުދިން ރާއްޖޭގައި ތިބި ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.
މިނިސްޓްރީން ވަނީ ދަރިވަރުން ވެކްސިން ޖަހަން ކިއުއަކަށް އަރާކަށް ނުޖެހޭނެ ކަމަށާއި ވެކްސިން ޖަހާނީ އެ ދަރިވަރަކަށް ދީފައި އޮތް ވަގުތުގައި ކަމަށް ބުނެފައެވެ. އެގޮތުން 30 މިނެޓު ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ސްކޫލެއްގައި ނޫޅޭ އުމުރުން 12 އާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހޭނީ އެޕޮއިންޓުމަންޓް އުސޫލުންނެވެ. ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.