ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ 3 ވަނަ ރާޅެއް އަރާނީ، އިންސާނުންނާއި ވައިރަހުގެ "އަހުލާގު" ހުރި ގޮތަކުން، އެކަމަށް ދައުވަތު ދެވިގެން ކަމަށް، އިންޑިއާ ސަރުކާރުގެ ސެކްރެޓަރީ އޮފް ޑިޕާޓްމަންޓް އޮފް ބައޮޓެކްނޮލޮޖީ، ޑރ ރީނޫ ސްވަރޫޕް ވިދާޅުވެއްޖެއެވެ.

ވައިރަހުގެ އަހުލާގަށް ބަލާއިރު، އެއީ މިއުޓޭޓް (ބަދަލު) ވާ އެއްޗެއްކަން އެނގޭ ކަމަށާ، އެއީ އެއްވެސް މީހަކަށް އެކަމުގެ މައްޗަށް ކޮންޓްރޯލް އޮތް ކަމެއް ނޫން ކަމަށް ޑރ ސްވަރޫޕް ވިދާޅުވިއެވެ. ގިނަ ބަޔަކު އިންފެކްޓް ވާ ވަރަކަށް، އިތުރު ބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އިންސާނުންގެ އަހުލާގަކީ ކޮންޓްރޯލް އޮތް ކަމެއް ކަން ޑރ ސްވަރޫޕް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ކަމަށް ވާ، ސާފު ތާހިރުކަން ދެމެހެއްޓުމާއި، ފޭސްމާސްކު އެޅުމާއި ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުން މުހިންމު ކަން ޑރ ސްވަރޫޕް ވަނީ ފާހަގަ ކުރައްވާފައެވެ.

ވައިރަހުގެ ބާރު އިންތިހާއަށް ގަދަވެފައިވާ ޑެލްޓާ ޕްލަސް ފަދަ އާ ވޭރިއަންޓްތައް ފެންނަމުން ދާއިރު، ކޮވިޑް-19ގެ ތޫފާނީ 3 ވަނަ ރާޅެއް އިންޑިއާއަށް ބިންދާލާފާނެ ކަމުގެ އިންޒާރު، ސައެންސްވެރިންނާއި އެޕިޑެމިއޮލިޖިސްޓުން ގެންދަވަނީ ދެއްވަމުންނެވެ.

3 ވަނަ ރާޅު އިންޑިއާއަށް ބިންދާލާ، އޮކްޓޯބަރު ސާޖަކަށް ހިނގައިދާނެ ކަމަށާ، ކުޑަކުދިންގެ އިތުރުން ބަލީގެ ނުރައްކާ އިންތިހާއަށް އޮތް ބޮޑެތި މީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމަށް ސިއްހީ ގޮތުން ވާންޖެހޭ ތައްޔާރީތައް ވުމަށް، އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިޒާސްޓާ މެނޭޖްމަންޓް (އެންއައިޑީއެމް) ގެ ދަށުން އެކުލަވާލާފައިވާ ތަޖުރިބާކާރުންގެ ކޮމިޓީން މިހާރު ވަނީ އިންޒާރުވެސް ކޮށްފައެވެ.

ހަރުކަށި ކަމާއެކު ފިޔަވަޅުތަކެއް އެޅި ކަމުގައި ވީ ނަމަވެސް، އޮކްޓޯބަރު މަހުގެ ފަހުކޮޅު، ކޭސްތައް ޕީކަށް ދިއުން ނުވަތަ ރެކޯޑް އަދަދުތަކުން އިތުރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރު ކުރައްވާފައެވެ. އިންޑިއާއަށް ކުރިމަތިވާނެ ކަމަށް ލަފާ ކުރާ 3 ވަނަ ރާޅުގައި، ކުޑަކުދިންނަށް ނުރައްކާ ބޮޑުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮވިޑް-19ގެ 2 ވަނަ ރާޅު އިންޑިއާއަށް ބިންދާލީ މިދިޔަ އޭޕްރިލް އަދި މެއި މަހުގެ ތެރޭގައެވެ. އޭރު އިންޑިއާއިން ޕޮޒިޓިވް ކޭސް ރެކޯޑް ކުރި މިންވަރު އުޅުނީ ދުވާލެއްގެ މައްޗަށް ބަލާއިރު 4 ލައްކައަށް ވުރެ މަތީގައެވެ. ރާޅުގެ ބާރު ކެނޑެން ފެށުމާއެކު، ހަރުކަށި ފިޔަވަޅުތަކަށް އިންޑިއާއިން ދޫ ދޭން ފެށީ ޖޫން މަހުގެ ތެރޭގައެވެ.