ގައުމުގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވުމުގެ ސަބަބުން އެތުލީޓުންނަށް ދަތުރު ނުކުރެވުނު ކަމުގައި ވީ ނަމަވެސް، ޓޯކިޔޯ ޕެރަލިމްޕިކް ގޭމްސް 2020 ހުޅުވުމުގެ ރަސްމިއްޔާތުގައި އަފްގާނިސްތާނުގެ ގައުމީ ދިދަ ބޭނުން ކުރާނެ ކަމަށް، ބައިނަލްއަގުވާމީ ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) ގެ ރައީސް، އެންޑްރޫ ޕާސަންސް ވިދާޅުވެއްޖެއެވެ.

ޓޯކިޔޯ ޕެރަލިމްޕިކް ގޭމްސް 2020 ހުޅުވުމުގެ ރަސްމިއްޔާތުގައި އަފްގާނިސްތާނުގެ ގައުމީ ދިދަ ބޭނުން ކުރަން ނިންމާފައި ވަނީ، އަފްގާނިސްތާނާއެކުގައި އޮތް ކަން އަންގައިދިނުން ކަމަށް އައިޕީސީގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި އަފްގާނިސްތާނުގެ ދިދަ އުފުލުމުގެ ދައުވަތު ދީފައި ވަނީ، އދގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރް)ގެ މަންދޫބަކަށް ކަމަށްވެސް ޕާސަންސް ވަނީ ހާމަ ކުރައްވާފައެވެ.

ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޓޯކިޔޯ ޕެރަލިމްޕިކް ގޭމްސް 2020 ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދުއެވެ.

ޓޯކިޔޯ ޕެރަލިމްޕިކް ގޭމްސް 2020 ގައި ބައިވެރިވުމަށް ޖަޕާނަށް ދަތުރު ކުރުމުގެ ފުރުސަތު، އަފްގާނިސްތާނުގެ އެތުލީޓުންނަށް ގެއްލުނީ، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު، އަފްގާނިސްތާނުގެ މަސްރަހު ހަލަބޮލިވި ހިސާބުންނެވެ.

އަފްގާނިސްތާނުން ޖަޕާނަށް ދަތުރު ކުރަން ހަމަޖެހިފައި އޮތް 2 އެތުލީޓުން ކަމަށް ވާ ޓައެކްވޮންޑޯ އެތުލީޓު ޒާކިއާ ހުދާދާދީއާއި ޑިސްކަސް އުކަން ފަރިތަ ހުސައިން ރަސޫލީއަށް ޖަޕާނަށް ދަތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް އައިޕީސީއިން ނިންމީ އޯގަސްޓް 16 ވަނަ ދުވަހުއެވެ.

ހުދާދާދީއަކީ ޕެރަލިމްކިކްސް ކުޅިވަރު މުބާރާތުގައި އަފްގާނިސްތާނުގައި ތަމްސީލު ކުރަން ދާން އޮތް، ފުރަތަމަ އަންހެން އެތުލީޓުވެސްމެއެވެ. އަފްގާނިސްތާން ޕެރަލިމްޕިކް ކޮމިޓީގެ ޝެފް ޑި މިޝަން، އާރިއަން ސޯދިގީ ވިދާޅުވީ، މިއި އިންތިހާއަށް ހިތާމަ ހުރި ކަމެއް ކަމަށެވެ. ލަންޑަންގައި ހުންނަވާ، ވާހަކަދައްވަމުން ސޯދިގީ ވިދާޅުވީ، ކަން ދިމާ ކުރި ގޮތުން ތޯލިބާނުން ކާބުލްގެ ކޮންޓްރޯލް ނެގީ ކަމަށާ، މިއާއެކު ހުރިހާ ކަމެއް ބޮއްސުންލައިގެން ގޮސްފައި ވާ ކަމަށެވެ.

އުމުރުން 23 އަހަރުގެ ހުދާދާދީ މީގެ ކުރިން ބުނެފައި ވަނީ، އަފްގާނިސްތާނު ތަމްސީލު ކުރަން ދާ ފުރަތަމަ އަންހެން އެތުލީޓުގެ ޝަރަފު އޭނާއަށް ލިބޭތީ އިންތިހާއަށް އުފާ ކުރާ ކަމަށެވެ. އުމުރުން 24 އަހަރުގެ ރަސލީ ވަނީ، ޓޯކިޔޯގައި ގައުމު ތަމްސީލު ކުރުމަކީ އޭނާގެ ހުވަފަނެއް ކަމަށް ބުނެފައެވެ.

ސޯދިގީ ވިދާޅުވީ ހުދާދާދީއަކީ އަންހެން އެތުލީޓުންނަށް، ވަކިން ހާއްސަކޮށް ޕެރަލިމްޕިކް އެތުލީޓުންނަށް ނަމޫނާއެއް ކަމުގައި ހެދުމުގެ އަޒުމު އޮތް ކަމަށާ، ނަމަވެސް މިއަދު ތިބެން ޖެހިފައި ވަނީ 20-50 އަހަރު ފަހަތަށް އެޅި ފިޔަވަޅެއްގައި ކަމަށެވެ.