ކޮވިޑް-19އިން ދިފާއު ވުމަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިންދިނުމުގެ ޕްރޮގްރާމްގެ ދަށުން 123 ސްކޫލަކުން މިހާރު ވެކްސިން ޖަހަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޒްދާ މުހައްމަދު ވިދާޅުވީ އިއްޔެއާ ހަމައަށް ޖުމްލަ 123 ސްކޫލަކުން ދަރިވަރުންނަށް ވެކްސިން ޖަހަން ފަށާފައިވާ ކަމަށެވެ.

ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިމަހު 15 ވަަނަ ދުވަހު ފާށާފައިވާއިރު މިހާތަނަށް 20,239 ކުދީންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. މިއީ އެކެޓަގަރީގެ 50 ޕަސަންޓް އާބާދީއަށްވުރެ އިތުރު އަދަދެއް ކަމަށް އމިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ވަނީ ދަރިވަރުން ވެކްސިން ޖަހަން ކިއުއަކަށް އަރާކަށް ނުޖެހޭނެ ކަމަށާއި ވެކްސިން ޖަހާނީ އެ ދަރިވަރަކަށް ދީފައި އޮތް ވަގުތުގައި ކަމަށް ބުނެފައެވެ. އެގޮތުން 30 މިނެޓު ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޫލެއްގައި ނޫޅޭ އުމުރުން 12 އާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހޭނީ އެޕޮއިންޓުމަންޓް އުސޫލުންނެވެ. ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.