ސްރީލަންކާގެ ކައްޗަތީވޫއޭ ކިއުނު ރަށާ ދާދި ކައިރިގައި މަސްވެރިކަން ކުރަމުން ދަނިކޮށް، ސްރީލަންކާގެ ކަނޑުގެ އަސްކަރީ ސިފައިން، އޮއްގަލުން ހަމަލާ ދީފައި ވާ ކަމަށް، އަވަށްޓެރި އިންޑިއާގެ ޓެމިލް ނާޑޫއަށް ނިސްބަތްވާ މަސްވެރިން ތުހުމަތު ކޮށްފިއެވެ.

އިންޑިއާގެ މަސްވެރިން ބުނީ، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި މަސްވެރިކަން ކުރަމުން ދަނިކޮށް ލަންކާގެ ކަނޑުގެ އަސްކަރީ ސިފައިން، އޮއްގަލުން ހަމަލާ ދިނީ މަސްބޯޓުތަކަށް ކަމަށެވެ.

އިންޑިއާގެ މަސްވެރިކަމާ ބެހޭ އިދާރާގެ އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މި ހަމަލާތަކުގައި އިންޑިއާގެ ރާމިސްވާމަރަމްއަށް ނިސްބަތްވާ 60 މަސްބޯޓަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. މީގެ އިތުރުން، 25 ބޯޓަކުން މަސްވެރިކަން ކުރަން އަޅާފައިވާ ދާގަނޑުތަކަށްވެސް ސްރީލަންކާގެ ކަނޑުގެ ސިފައިން ގެއްލުން ދީ، ހަލާކު ކޮށްފައި ވާ ކަމަށް، އިންޑިއާގެ މަސްވެރިން ތުހުމަތު ކުރެއެވެ.

ހަމަލާ ދިނީ 5 އުޅަނދެއްގައި އައި ކަނޑުގެ ސިފައިން ކަމަށާ، މި ހަމަލާތަކުގައި އެއްވެސް މަސްވެރިއަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް، މަސްވެރިންނާ ހަވާލާދީ، އިންޑިއާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ މަސްވެރިންގެ ޖަމިއްޔާއިން ބުނީ، ހޮނިހިރު ދުވަހުގެ ރޭ 556 ބޯޓެއް މަހަށް ފުރި ކަމަށާ، އޭގެ ތެރެއިން ބައެއް ބޯޓުތަކަށް ލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ހަމަލާ އަމާޒު ވި ކަމަށެވެ. މި ކަމުގެ ޝަކުވާ، މަސްވެރިކަމާ ބެހޭ އިސް އޮފިޝަލުންނަށް މިހާރު ހުށަހަޅާފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.