ބްލޫރިންގްޑް އޮކްޓޮޕަސް އަކީ ބަލާލަން ކިތަންމެ ރީއްޗަސް ބޮޑު ވިހައެއް ކަމަށާއި އެއާ ކައިރި ނުވުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިލްތިމާސް ކޮށްފިއެވެ.

ރާއްޖެއިން އާއްމުކޮށް ނުފެންނަ ބާވަތެއްގެ ނުރައްކާތެރި ބޯވައެއް ބައެއް ސަރަހައްދުތަކުން މިހާރު ފެންނާތީ އެމްއެމްއާރުއައި އިން ވަނީ ސަމާލުވުމަށް އެދިފައެވެ.

އެމްއެމްއާރުއައި އިން ބުނީ، ރާއްޖޭން ފެނިފައިވާ ބްލޫރިންގްޑް އޮކްޓޮޕަސް އެކީ ސައިޒުން ކުޑަ ނަމަވެސް ވިހަގަދަ ބޯވައެއް ކަމަށެވެ. އެސޮރުމެން އުފައްދާ ނިއުރޯޓޮކްސިނަކީ އިންސާނުންގެ ފުރާނައަށް ނުރައްކާވާ ވިހައެއް ކަމަށް އެމްއެމްއާރުއައި އިން ބުނެފައިވެއެވެ.

އެ ވައްތަރުގެ ބޯވައަށް ނުރައްކާ އޮތް ކަން އިހްސާސް ވުމުން ވަށްބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއްހެން ލައްތަކެއް ހަންގަނޑަށް އަރުވައި ވިހަ މާއްދާއެއް ބޭރުކުރާ ކަމަށާއި އެއީ އިންސާނުންގެ ހިއްސުތަކާ ބެހޭ ނާރަށް ހަމަލާދޭ ވިހައެއް ކަމަށް އެމްއެމްއާރުއައި ބުނެއެވެ.

މި ބާވަތުގެ ބޯވައިގެ ނުރައްކާ ކިޔައިދެމުން އެމްއެމްއާރުއައި ބުނީ ނިއުރޯޓޮކްސިން އިން ވިހަވުމާ އެކު ބޯ އެނބުރުމާއި ހޮޑުލަވާގޮތް ވުމާއި ހިތް ހުއްޓުން ފަދަ ކަންކަން ދިމާވާ ކަމަށެވެ. ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައި ވާ މީހާ މަރުވުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން މި ވައްތަރުގެ ބޯވައެއް ފެނުނަސް އަތްލައި ނުހެދުމަށާއި ބަލާލަން ރީއްޗަސް ހިފައި، ޓޭންކްތަކުގައި ވެސް ނުގެންގުޅެން މެރިން ރިސާޗް އިންސްޓިޓިއުޓުން އިލްތިމާސްކުރެއެވެ.

ބޯވައިގެ ވިހައިގެ އަލާމާތެއް އިހްސާސް ކުރެވިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދަން ވެސް އެދިފައިވެއެވެ.

ބްލޫރިންގްޑް އޮކްޓޮޕަސް ދަތް އަޅައިފި ނަމަ ހަށިގަނޑުން ވިހައިގެ އަސަރު ފިލަންދެން ވެންޓިލޭޓަރަށް ލާން ޖެހޭނެއެވެ. އާއްމު ގޮތެއްގައި އެ ވިހައިގެ އަސަރު ފިލަން ނަގާނީ 24 ގަޑިއިރެވެ.