ކޮވިޑް-19 ބަލީގައި މަރުވާ މީހުން ތަޔަންމަމު ކޮށްގެން ހިނަވަމުން އައި އުސޫލު މިއަދު ބަދަލުކޮށްފިއެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުން މިއަދާ ހަމައަށް ހިނަވަމުން އައީ ތަޔަންމަމު ކޮށްގެންނެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް ކޮވިޑްގައި މަރުވާ މީހުންވެސް ފެން ބޭނުން ކޮށްގެން ހިނަވަން ވަނީ ފަށާފައެވެ.

ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ބައެއް ނޫސްތަކަށް ވިދާޅުވީ އުސޫލު ބަދަލުކުރި އިރު އެކަމަށް ޖަމާއަތްތެރިން ތަމްރީން ކޮށްފައިވާ ކަމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅާފައިވާ ކަމަށެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުން ތަޔަންމަމުކޮށްގެން ހިނަވަމުން އައި އުސޫލު މިއަދު ބަދަލުކުރުމާއެކު މިއަދު މަރުވި މީހާ ހިނަވާފައިވަނީ ފެނުންނެވެ. ކޮވިޑްގައި މިއަދު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައި އުމުރުން 75 އަހަރުގެ އަންހެނެކެވެ.

އުސޫލަށް ބަދަލު ގެނައި ނަމަވެސް ކޮވިޑްގައި މަރުވާ މީހުން ހިނެވުމާއި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ ހުޅުމާލެ ސަހަރާގައެވެ. އަދި އާއިލީ މީހުންނަށް މޫނު ދެއްކުން ކުރިއަށް ގެންދާނީ ކުރިއެކޭވެސް އެއްގޮތަށް ދުރުގައި ތިބެން އެކަން ކުރިއަށް ގެންދާ ގޮތަށެވެ.

ކޮވިޑްގައި ރާއްޖެއިން 223 މީހަކު ވަނީ މަރުވެފައެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 532 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 174 މީހަކު މަރުވެފައެވެ.