7 ދުވަސް ފަހުން ބ. އޭދަފުށީގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އޭދަފުށީގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމާ ގުޅިގެން ކަމަށެވެ.

އޭދަފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު 18 އަހަރުން ދަށުގެ ތިން ކުދިންނާއި ބޮޑު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އޭރު އެރަށް މޮނިޓަރިންއަށް ލާފައިވަނީ ދެމަހަށްވުރެ ގިނަ ދުވަސް ވަންދެން މޮނިޓަރިންނަށްލާފައި އުވާލިތާ މަހެއްހާ ދުވަސް ފަހުންނެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން އޭދަފުށި މޮނިޓަރިން އަށް ލިއެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 18 ރަށެކެވެ.

އެއީ ހދ. މަކުނުދޫ، ހއ. އިހަވަންދޫ، ހއ. ތަކަންދޫ، ހދ. ނެއްލައިދޫ، ބ. ކަމަދޫ، ރ.ދުވާފަރު، އދ. ހަންޏާމީދޫ، އދ. ދަނގެތި، އއ. ހިމާންދޫ، ކ. ގާފަރު، ކ.ކާށިދޫ، ގއ. މާމެންދޫ، ގއ. ކަނޑުހުޅުދޫ، ގދ. ތިނަދޫ، ގއ. މާމެންދޫ، މ. މަޑުއްވަރީގެ އިތުރުން ށ. ފީވަކާއި ދ. ކުޑަހުވަދޫއެވެ.

މި ވަގުތު މޮނިޓަރިންގައި އޮތް ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވާ ރަށަކީ ރ. ދުވާފަރެވެ. އެރަށް މޮނިޓަރަށް ލާފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހެވެ.