މާލެ ސަރަހައްދުގައި ވައިރަލް ހުމެއް ފެތުރި ޑޮކްޓަރަށް ދައްކާ އިތުރުވެއްޖެވެ. ހުން އައިސް، ހޮޑުލެވޭ މި ރޯގާ ޖެހި ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަމުން ދާއިރު މި ބަލިމަޑުކަމުން ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ވައިރަލް ފީވާ މާލެ ސަރަހައްދުގައި ފެތުރެމުން ދާއިރު ބައެއް ފަރާތްތަކުން ދަނީ އެކަމަށް ބޭނުންވާ ބައެއް ބޭސް، ބޭސް ފިހާރަތަކުން ލިބެން ނެތް ކަމަށް ބުނަމުންނެވެ. ހާއްސަކޮށް ހޮޑު ބޭހެއް ކަމަށްވާ އެމެސެޓް، ބޭސް ފިހާރަތަކުން ލިބެން ނެތް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެ ޞޭސް ހުސް ނުވާކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައި ވާ ކަމަށެވެ.

"ދަ ޕްރެސް" އާ ވާހަކަ ދެއްކި ބައެއް އާންމުން ބުނީ، އެ މީސް މީހުންގެ ގޭގޭގައި ހާއްސަކޮށް ކުދަކުދިން ރޯގާޖެހި ހުމާ އުޅޭ ކަމަށެވެ.

"ހުން އައިސް ހޮޑުލާތީ ޑޮކްޓަރަށް ދެއްކީމައި ޑޮކްޓަރު ބުނީ މަލެ ސަރަހައްދުގައި ވައިރަލްއެއް އުޅޭ ކަމަށް، ދެން ދިން އުފަމޯލްއާއި އެމެސެޓް، އެމެސެޓް ހުރީ ހުރިހަ ބޭސްފިހާރައަކުން ހުސްވެފައި، ބޭސްފިޔާފަރަތަކުން ބުނީ، ސްޓޮކް ނެތޭ، ހުރި އެއްޗެއްހި ހުރީ އެކްސްޕަޔާ ވެފައޭ"
އާންމުންގެ މީހެއް

ހުން އައިސް ހޮޑުލާ، ރޯގާ ޖެހިގެން އުޅޭނަމަ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ގިނަ ފިޔަވަޅުތަކެއް އެބަހުއްޓެވެ.

ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް:

  • އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ރުމާލަކުން ނުވަތަ ޓިޝޫ އަކުން ނިވާކުރުން. އަދި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުން.
  • އާންމު ސާފުތާހިރުކަމަށް، (ހާއްސަކޮށް ސައިބޯނި ލައިގެން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން).
  • ރޯގާ ޖެހި ކެއްސާ ނަމަ، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. (ހާއްސަކޮށް އެފަދަ ތަންތަނަށް ކުޑަ ކުދިން ނުގެންދިއުން).
  • ހުން އައިސް ގައިގާ ރިއްސާ ނަމަ ޕެރަސެޓެމޯލް ނޫން ބޭހެއް ބޭނުން ނުކުރުން
  • އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި، ފުރަތަމަ ތިން ދުވަހު ގޭގައި މަޑުކޮށްލުން.
  • ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން

މިއީ ސްކޫލުތައް ހުޅުވައިގެން އުޅޭ ދުވަސް ވަރަށް ވާއިރު މިހުމަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. އެގޮތުން ހުން އައިސް ހޮޑުލާނަމަ އެކުދިން ސްކޫލަށް ނުފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އޭގެ ސަބަބުން އެހެން ކުދިންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމެކެވެ.

ވައިރަލް ހުން ފެތުރޭ މައްސަލައިގައި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ކުރެން ރޭ އެހުމުން، އެކަން ބަލާފައި ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް މިނިސްޓްރީގެ އޮފިޝަލެއް ވިދަޅުވީ، ހޮޑުލާތީ ބޭނުން ކުރާ ބޭހެއް ކަމުގައިވާ އެމެސެޓް ހުސްވެފައި ވާކަން އޭނާއަށްވެސް އެނގިވަޑައިގެންފައި ވާ ކަމަށެވެ.