ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޒައިޑަސް ކެޑީލާ ކުންފުނިން ތަރައްގީ ކުރި ވެކްސިން، އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ބޭނުން ކުރެވޭ ގޮތަށް، އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް (ޑީސީޖީއައި) އިން ރުހުން ދީފިއެވެ.
ޒައިޑަސް ކެޑީލާގެ ކޮވިޑް ވެކްސިނަކީ، 3 ޑޯޒްގެ މައްޗަށް އެކުލެވޭ ޑީއެންއޭ ވެކްސިނެކެވެ. މިއީ މުޅި ދުނިޔޭގައިވެސް އުފެއްދި ފުރަތަމަ ޕްލަސްމިޑް ޑީއެންއޭ ވެކްސިންއެވެ. މި ބާވަތުގެ ވެކްސިނަކީ، އާންމުކޮށް ބޭނުން ކުރާ ވެކްސިންތަކަށް ވުރެ ވަރުގަދަ ދިފާއެއް އުފައްދަނިވި ވެކްސިނެއް ކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކެޑީލާ ހެލްތުކެއާގެ ކޮވިޑް ވެކްސިނަކީ، އިންސާނުންގެ ހަށިގަނޑުގައި ބޭނުން ކުރާ ފުރަތަމަ ޑީއެންއޭ ވެކްސިންވެސްމެއެވެ.
ޑީސީޖީއައިން ރުހުން ދިނުމާއެކު، ކެޑީލާ ކުންފުނިން އަމާޒު ހިފާފައި ވަނީ، ޒައިކޮވް-ޑީގެ ނަން ދީފައި ވާ މި ކޮވިޑް ވެކްސިންގެ 100-120 މިލިއަން ޑޯޒް، ކޮންމެ އަހަރަކު އުފެއްދުމަށެވެ. އެ ކުންފުނިން މިހާރުވެސް ވަނީ ވެކްސިން ސްޓޮކް ކުރުމުގެ މަސައްކަތް ފަށާފައެވެ.
ކެޑީލާ ހެލްތުކެއާއިން މި ވެކްސިނަށް ރުހުން ހޯދަން އެދި ހުށަހެޅި ޖުލައި 1 ވަނަ ދުވަހުއެވެ. އަދި ވެކްސިނަށް ރުހުން ދީފައި ވަނީ އޯގަސްޓް 20 ވަނަ ދުވަހު ކަމަށް ހަބަރު ލިބެއެވެ. ވެކްސިން އުފެއްދި ފަރާތުން ބުނާ ގޮތުގައި، މިއީ 66.6 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ. މި ކަން ނިންމާފައި ވަނީ، އިންޑިއާގެ އެކި ކަންކޮޅުތަކުން ބައިވެރިވި 28000 ވޮލަންޓިއަރުންގެ އެހީގައެވެ.
ޒައިޑަސް ކެޑީލާއިން ވަނީ، އެކުންފުނީގެ ޒައިކޯވް-ޑީގެ ނަން ދީފައިވާ ކޮވިޑް ވެކްސިން، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ ހަށިގަނޑުގައި ޓެސްޓުކޮށްފައެވެ.
ޒައިޑަސް ކެޑީލާ ކޮވިޑް ވެކްސިނަކީ އިންޑިއާގެ ކޮވިޑް ވެކްސިން ކެމްޕޭންގައި ބޭނުން ކުރަން ރުހުން ދިން 6 ވަނަ ވެކްސިނެވެ. ނަމަވެސް ކުޑަކުދިންގެ ހަށިގަނޑަށް ޖެހުމަށް ރުހުން ދިން ފުރަތަމަ ވެކްސިނެވެ. އަދި މިއީ އިންޑިއާގެ އުފެއްދުންތަކުގެ ތެރެއިން ރުހުން ދިން 2 ވަނަ ބްރޭންޑެވެ.
ޒައިޑަސް ކެޑީލާގެ ވެކްސިންގެ އެންމެ ހާއްސަ ކަމަކީ، ކަށި ޖަހަން ނުޖެހި ވެކްސިންގެ މަންފާ ލިބުން ކަމަށް ކެޑީލާ ހެލްތުކެއާ ލިމިޓަޑްގެ މެނޭޖިންގް ޑައިރެކްޓާ، ޑރ ޝަރުވީލް ޕަޓޭލް ވަނީ ވިދާޅުވެފައެވެ.
މި ވެކްސިނަކީ އާންމުކޮށް ވެކްސިން ޖަހަން ބޭނުން ކުރާ ޒާތުގެ ކައްޓަކާ ނުލާ، ހަށިގަނޑަށް އިންޖެކްޓް ކުރެވޭ ގޮތަށް އިންޑިއާގައި ޖަހާ ފުރަތަމަ ވެކްސިން ކަމަށްވެސް މައުލޫމާތު ލިބެއެވެ. މިއާއެކު، ވެކްސިންގެ ސައިޑް އިފެކްޓްތަކުން ބައެއް އުނި ވާނެ ކަމަށްވެސް ގަބޫލު ކުރެވެއެވެ.