ރައްޔިތުން ބޭނުންނަމަ ސަރުކާރު ‎ވައްޓާލެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.‎

ބޮންޑޭ އެހެން ވިދާޅުވީ ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް މިއަދު ހަވީރު ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ބޮންޑޭ ވިދާޅުވީ ރާއްޖެއަށް ބޭނުން ވަނީ ދުވަހުން ދުވަހަށް ސަރުކާރު ހިންގޭ ނިޒާމެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ވޯޓުން މިހާރު ގެނެސްފައި އޮތް ނިޒާމުގައި އެ މަގްސަދު ހާސިލުނުވާ ކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަމަށާ އަދި ސަރުކާރަށް ރައްޔިތުން ފެންނަނީ ވޯޓުލާ ދުވަސް ޖެހުމުން ކަމަށް ވާއިރު އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވެން ޖެހޭނެ. ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވޭނީ ބަރުލަމާނީ ނިޒާމަކުން
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނާ ހަވާލު ކުރުމަކީ އެމްޑީޕީން އަބަދުވެސް ދެކޭ ގޮތް ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގައި މިކުރާ ވެރިކަމަކީ ރައްޔިތުންނާ ދުރު ނިޒާމެއް ކަމަށް ބޮންޑޭ ފާހަގަ ކުރެއްވިއެވެ.

މިއަދު ފެށި ޕެޓިޝަނަކީ އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނުން ފެށި ޕެޓިޝަނަކަށް ވާއިރު، އެ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއި ކުރުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.