18 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް އަދި އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ އިން ހާސިލް ކޮށްފިއެވެ.

އުރީދޫން ބުނީ ކޮވިޑް-19 އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދީފައިވާ ގިނަ ގުނަ ހިދުމަތްތަކަށް ސިލްވާ އަދި ބްރޮންޒް ސްޓީވީ ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާ ގެ ހިދުމަތައްވެސް ފާހަގަ ކޮށްލެވޭ އެވޯޑެއް ހާސިލްކޮށްފައިވާ ކަމަށެވެ.

18ވަނަ އަހަރީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް:

  • ބްރޮންޒް ސްޓީވީ - މޯސްޓް ވެލުއަބަލް ސަާވިސް (ކޮވިޑް-19 އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން)

އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް:

  • ސިލްވާ ސްޓީވީ - މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް (ކޮވިޑް-19 އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން)
  • ބްރޮންޒް ސްޓީވީ – އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ހިދުމަތްތައް)

އުރީދޫ އަކީ މުޖުތަމައުތަކުގެ ތަރައްގީއާ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްކަމުން ކޮވިޑާ ގުޅިގެން އުރީދޫގެ ޓީމުން ކަސްޓަމަރުންނަށާ މުޖުތަމައުތަކަށް އެކި އެކި ގޮތްގޮތުން އެހީ ފޯރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވިއެވެ.

އެހެންކަމުން ބައިނަލް އަގުވާމީ ޕްލެޓްފޯމެއްގައި އެ މަސައްކަތް ފާހަގަވެ އެވޯޑެއް ލިބުމަކީ ފަހުރުވެރިވާކަމެއް ކަމަށް ނަޖީބު ވިދާޅުވިއެވެ.

ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އުރީދޫ ޓީމުން ވަނީ ގިނަ ގުނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް އީޖާދީ ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެހެންކަމުން މި ފުރުސަތުގައި އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. އަދި މި ހިތްވަރާއި އެކު އުރީދޫގެ ހިދުމަތްތައް އިތުރަށް ކުރިއަރުވާ، ބައިނަލްއަގުވާމީ ފެންވަރުގެ އައު އީޖާދުތަކާ ދިވެހިން ގުޅުވާލަދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ، ނަޖީބް ހާން

ކޮވިޑާ ގުޅިގެން ކުންފުނީގެ މުވައްޒަފުން، ކަސްޓަމަރުން އަދި ދިވެހި ރައްޔިތުންނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އުރީދޫން ބުނެއެވެ. މިގޮތުން އުރީދޫ ގްރޫޕާ ގުޅިގެން ރާއްޖޭގައި ކޯވިޑާ ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރު، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިން ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އުރީދޫން ވަނީ ފާހަގަކޮށްފައެވެ.

އުރީދޫން ބުނީ ސަރުކާރާ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން އުރީދޫން މި ޕެންޑެމިކް އާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާ، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާ، އޮންލައިންކޮށް ކިޔަވާދިނުމަށާ ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުންވެސް ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އުރީދޫގެ ތަސައްވުރާ އެއްގޮތުގެ މަތިން ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކޮށް، ރައްޔިތުންނާ ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ފުޅާކޮށްދިނުމަށް އެކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުގެ އުރީދޫގެ ސެލްފް ކެއާ އެޕްގެ އަޕްގްރޭޑާ އެކު، އުރީދޫގެ މޯބައިލް މަނީ ހިދުމަތް އެމް-ފައިސާ އަދި އީ-ކޮމާސް ޕްލެޓްފޯމް މޫލީގެ ހިދުމަތްވެސް އެއް ޕްލެޓްފޯމަކުން ލިބުމުގެ ފަސޭހަ ފަހިކޮށްދީ، ފުރިހަމަ ޑިޖިޓަލް ތަޖުރިބާއެއް ލިބޭނެ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް އުރީދޫން ބުނެއެވެ.

އޭގެ އިތުރުން ލޮކްޑައުންއާ ގުޅިގެން މޫލީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ފަސޭހަކަމާއެކު އޮންލައިން ވެ ގިނަ ކަސްޓަމަރުންތަކަކަށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދިޔައިރު، އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކުމުގެ އިތުރުން އޮންލައިންކޮށް އޯޑަރުކުރުމުގައާ ވިޔަފާރިކުރުމުގައި ފައިސާގެ މުއާމަލާތް ފަސޭހަވެގެންދިޔަ ކަމަށް އުރީދުން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އުރީދޫގެ މިފަދަ އިސްނެގުންތަކާ އީޖާދީ ހިދުމަތްތައް ތައާރަފްކުރުމަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުންފުނިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯމްތަކުގެ ސަމާލުކަން ހޯދާ، ފަހުރުވެރި އެވޯޑްތައް ހާސިލްކުރަމުން ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނާ އޮންނަ ގާތް ގުޅުން ދަމަހައްޓާ، ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އާ ދިވެހިން ގުޅުވާލަދީ، އިތުރު ފުރުސަތުތަކާ އެކު ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ އުރީދޫން ވަނީ ދީފައެވެ.