އަދާލަތު ޕާޓީ ބޭނުން ހުއްޖަތެއް ދެއްކުމަށް ފަހު އެކުލަވާލާފައި އޮންނަ ކޯލިޝަން ރޫޅާލާނެ ކަން އެމްޑީޕީއަށް މާ ކުރިން ވެސް އެނގޭ ކަމަށް ލިޔުއްވައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ޓްވިޓާ އެކައުންޓު "އެލެކްސް އަހުމަދު" އެކައުންޓުން ޓްވީޓެއް ކުރައްވައިފިއެވެ.

ނަޝީދުގެ ވަރަށް އަރިސް އަދި އާއިލީ ބޭފުޅުން ނަޝީދަށް ނިސްބަތްކޮށް ކުރައްވާ ޓްވީޓްތަކުގައި މި އެކައުންޓް ޓެގް ކުރައްވާފައި ހުރެއެވެ. އަދި އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވެސް "އަޅުގަނޑަކީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު" ކަމަށް މީގެ ކުރިން ލިޔުއްވާފައިވެއެވެ.

އެލެކްސް އަހުމަދު އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީ ބޭނުން ވެއްޖެ ވަގުތެއްގައި ބޭނުން ހުއްޖަތެއް ދައްކާފައި ކޯލިޝަން ރޫޅާލަން މަސައްކަތް ކުރާނެ ކަމީ އެމްޑީޕީއަށް އަބަދުވެސް އެނގިފައި އޮތް ހަގީގަތެއް ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވީ، މާތްވެގެންވާ އިސްލާމް ދީނާ ދެކޮޅު ކަމެއް މި ސަރުކާރުން ވެސް ކޮށްފިނަމަ ކޯލިޝަން ރުޅާލަން ފަހެއް ނުޖެހޭނެ ކަމަށް މި ސަރުކާރުގެ ކެބިނެޓުގެ ހޯމް މިނިސްޓަރު ކަން ވެސް ކުރައްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެފައިވަނިކޮށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ، އިސްލާމް ދީނާއި ދިވެހި ގައުމުގެ ސިޔާސަތު ރައްކާތެރިކުރާހާ ހިނދަކު ސަރުކާރާ އެންމެ އިންޗިއެއްވެސް ދުރުނުވާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު އެކުލަވާލާފައިވަނީ އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީއަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް، އެމްއާރުމެމްއަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ހިއްސާވާ ގޮތަށެވެ. އެންމެ ފުރަތަމަ އެމަނިކުފާނުގެ ކެބިނެޓް ވެސް އެ މިންވަރަށް ބެއްސެވި ނަމަވެސް ފަހުން އެމްޑީޕީގެ ވަޒީރުން ގިނަކޮށްލާފައިވެއެވެ. އެކަމަކު ވެސް ކޯލިޝަންގައި ދެމިތިބެން ދެން ތިބި ޕާޓީތަކުން ނިންމިއެވެ.

ކޯލިޝަންގެ އެހެން ބައިވެރިންނާ މެދުގައި ނަޝީދުއާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ނުރުހުން ފާޅުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. ފަހުން ފަހުން އަދާލަތު ޕާޓީއަށް ނުރުހުން އަމާޒު ކުރަން ފެށީ ނަޝީދު ފާސްކުރަން ބޭނުންފުޅުވާ "ލާދީނީ ގޮވުން" ޖިނާއީ ކުށަކަށް ހަދަން އޮތް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް އެ އޮތް ގޮތަށް ފާސްނުކޮށް އިސްލާހުތައް ގެންނަން އަދާލަތު ޕާޓީގެ ވަޒީރެއް ހުންނަވާ އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރުމުންނެވެ.

މި ބިލު ސަރުކާރުން ހުށަހެޅީ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ މަގްސަދުގައި ކަމަށް ބުނެއެވެ. އެކަމަކު އެ ބިލުގައި އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައަޅަން އޮތުމުން އެއީ ދީނީ ދަރުސް ދިނުމާއި ނަސޭހަތް ދިނުމަށް އޮތް ހުރަހެއްގެ ގޮތުގައި ދެކި "ލާދީނީ" ބިލެއް ގޮތުގައި ސިފަކޮށް ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވިއެވެ.