ރާއްޖޭގައި މިހާރު ޒުވާނުންނަށް ކުރިމަތިވަމުންދާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ހާއްސަ ޕްލޭނެއް ތައްޔާރުކޮށް އަމަލުކުރަން ފެށުމުން ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާލުވީ މިހާރު އެމނަިކުފާނު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. އޮމަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރާއްޖެއަށް މިއަދު އިޖުތިމާއީ ގޮތުން އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ހަރުކަށިފިކުރު ފެތުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ. އެ ދެ މައްސަލަ ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި އެ ދެ މައްސަލައަށް ހައްލު ހޯދަން ހާއްސަ ޕްލޭނެއް ހަދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ޕްލޭންގެ ތެރެއިން މިހާރު މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ހެދި ޕްލޭނަށް ވަނީ އަމަލު ކުރަން ފަށާފައި ކަމަށް ރައީސް ސޯލިހް ވިދާލުވިއެވެ. އަދި މި ދެ ޕްލޭނަށް އަމަލުކުރަން ފެށުމުން ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މި ފަދަ މައްސަލަތައް މުޖުތަމައުގައި ގިނަވެގެން ދިއުމުން ހުއްޓުވުމަށް ކުރެވޭނެ އެންމެ ބޮޑު އެއް ކަމަަކީ ކުޑަކުދިންނަށް ރަނގަޅު ތައުލީމް އުނގަންނައިދީގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރަނގަޅު ތައުލީމު ލިބިގެން ކުދިން ބޮޑުވާނަމަ މި ފަދަ ކަންކަމަށް އެކުދިންގެ އަމިއްލަ ނަފްސު ޖާގަ ނުދޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތކުން އަރައިގަނެ ވޭނީ މުޖުތަމުގައި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޕްލޭނެއް އެކުލަވާލި ކަަމށް ރައީސް ވިދާލުވި ނަމަވެސް އެ ޕްލޭނާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.