މުޅި ދުނިޔޭގެ ކޮންޓްރޯލް ނެގުމަށް ޗައިނާއިން ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ދޫކުރާ ލޯން ސްކީމްތަކުގައި އެންމެ ފަސޭހައިން ހިފާ އެއް ގައުމު ކަމަށް ވާ، އަވަށްޓެރި ސްރީލަންކާއިން، ޗައިނާއާއެކު 308 މިލިއަން ޑޮލަރުގެ ލޯން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ލޯން އެއްބަސްވުމަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިޖާބަ، އިގުތިސޯދު ނެގެހެއްޓުން އަދި މާލީ ހަމަޖެހުން ކަށަވަރު ކުރުމާ ގުޅޭ ލޯނެއް ކަމަށް ޗައިނާ އެމްބަސީއިން ހަބަރު ދެއެވެ. އެމްބަސީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޗައިނާ ޑިވަލޮޕްމަންޓް ބޭންކާއި ލަންކާ ސަރުކާރާ ދެމެދު، އޯގަސްޓް 17 ވަނަ ދުވަހު ސޮއި ކޮށްފައި ވާ ލޯން އެއްބަސްވުމަކީ، ލަންކާ ސަރުކާރުގެ އެދުމުގެ މަތިން އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ.

އެންމެ ފަހުން މި ހަމަޖެހުނު ލޯނަކީ، ބަޖެޓް ސަޕޯޓް ކްރެޑިޓްގެ ގޮތުގައި ދޫކުރުމަށް މީގެ ކުރިން އެއްބަސްވުމަކަށް އައިސްފައި ވާ 1.2 ބިލިއަން ޑޮލަރުގެ ފެސިލިޓީގެ ތެރެއިން ހަމަޖެހުނު ލޯނެއް ކަމަށް މައުލޫމާތު ލިބެއެވެ. މިހާތަނަށް ސްރީލަންކާއަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 1 ބިލިއަން ޑޮލަރުގެ ކްރެޑިޓް، 2 ފަހަރެއްގެ މަތިން ދޫކޮށްފައި ވެއެވެ. 500 މިލިއަން ޑޮލަރުގެ 2 ބައި، ސްރީލަންކާއަށް ދޫކޮށްފައި ވަނީ އޭޕްރިލް 2021 އާއި މާޗް 2020 ގައެވެ.

ކޮވިޑް-19ގެ ސަބަބުން ސްރީލަންކާގެ އިގުތިސޯދަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ފޯރާފައެވެ. ސްރީލަންކާއަކީވެސް ފަތުރުވެރި ކަމުގެ މައްޗަށް އިންތިހާއަށް ބަރޯސާވެގެން އޮތް ގައުމެކެވެ.