ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 297،003 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 356،883 މީހުންނެވެ. އޭގެތެރެއިން 297،003 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 17 ވަނަ ދުވަހު އަތޮޅުތެރެއިން 1531 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 1371 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 160 މީހެކެވެ. ހަމައެއާއެކު މާލެއިން 1480 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 1320 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 345 މީހެކެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްސިންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

މީގެ އިތުރުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވަނީ ފަށާފައެވެ. 19 ސްކޫލެއްގައި ވެކްސިން ޕްރޮގްރާމް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19އިން ދިފާއު ވުމަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިންދިނުމުގެ ޕްރޮގްރާމްގައި މާލެއާ އަތޮޅުތެރެއިން މިހާތަނަށް 4973 ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައިވާ ކަމަށެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ.