އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ވާދަނުކުރެއްވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާ ކޮށްދޭން މަހްލޫފް ހުށައަޅުއްވައިފިއެވެ.
މަހްލޫފް މިއަދު ވިދާޅުވީ، އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ޝަކުވާ ހުށައަޅުއްވާފައިވާ ކަމަށެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއި ކުރައްވައި މަހްލޫފަށް ފޮނުވި ސިޓީގައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މަހްލޫފް ކުރިމަތިލެއްވި ނަމަވެސް އެ އިންތިހާބަށް ކުރިމަތި ލުމުގެ ޝަރުތު ހަމަ ނުވާ ކަމަށެވެ.
މަހްލޫފްގެ ޝަރުތު ހަމަނުވާ ސަބަބެއްގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އޮތް ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްޑީޕީއަށް އަންގާފައިވާތީ ކަމަށް އެ ސިޓީގައި ވެއެވެ.
ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތީ މެއި 29 ގައެވެ. އެހެންނަމަވެސް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލައާ ގުޅިގެން އިންތިހާބު ވަނީ ސެޕްޓެމްބަރު މަހަށް ފަސްކޮށްފައެވެ.
އެ އިންތިހާބާ ދިމާކޮށް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ލިސްޓު އެ ޕާޓީން އާންމު ކުރިއިރު އެ ލިސްޓުގައި މަހްލޫފްގެ ނަމެއް ނެތެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވިތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަން ވަކިގޮތެއް ޕީޖީ އޮފީހުން އަދި ނިންމާފައެއް ނުވެއެވެ.
އޭގެ ސަބަބުން މަހުލޫފު ވަނީ އޭނާއާ މެދު ޕީޖީން ތަފާތު ކުރާކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަށް ކުރެވޭ ތުހުމަތުތައް ސާބިތުކުރެވޭ ވަރަށް ހެކި ނުހުންނާނެ ކަަމަށާއި، އެ މައްސަލަ ކޯޓަށް ފޮނުވައިފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވިދާޅުވެފައެވެ.