މީހުން ދިރިއުޅޭ ރަށްރަށުގައި އުސޫލާ ހިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުން ދާތީ ހެލްތް ޕްރޮޓެކްޝަން އެޖެންްސީ (އެޗްޕީއޭ) އިން އިންސްޕެކްޝަނެއް ފަށައި ފިޔަވަޅު އަޅަން ނިންމައިފިއެވެ.

މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިވްއެޗްއޯ އިން އިމަޖެންސީ ޔޫސް އަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޮވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް ރާއްޖެއަށް ދަތުރުކުރާ ތާރީހަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށް ވަނީ ކަނޑަަޅާފައެވެ.

ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާ، ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ %60 އަށް މަތިވެފައިވާނަމަ ކަމަށް އިއުލާނުކޮށްފައިވެއެވެ.

އެހެން ނަމަވެސް އުސޫލުތަކާ ހިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން އުސޫލުތައް ގާއިމުކޮށްފައިވާ މަގުސަދު ހާސިލުކުރުމަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އުސޫލާ ހިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މާދަމާއިން ފެށިގެން އިސްޕެކްޝަންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މި އިންސްޕެކްޝަން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައިވެސް ކުރިއަށްގެންދާނެއެވެ. އަދި މި އިންސްޕެކްޝަންގައި އިމިގްރޭޝަން، ފުލުހުން، ޓޫރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އާއި އެލްޖީއޭ ބައިވެރިވާނެއެވެ.

އެޗްޕިއޭއިން މިފަދަ އިންސްޕެކްޝަނެއް ފަށަން ތައްޔާރުވަމުންދާއިރު ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވައި ފަތުރުވެރިންތަކެއް މަގުމަތި ކުރި މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.