އުރީދޫ މޯލްޑިވްސްއާއި އޯކާ މީޑިއާ ގްރޫޕް ގުޅިގެން ރާއްޖޭގެ ރީތިކަން ޕްރޮމޯޓް ކުރާ ކެމްޕޭނެއް އިއުލާން ކޮށްފިއެވެ.
އުރީދޫން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުރީދޫ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންއާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އޯކާ މީޑިއާ ގްރޫޕް ގުޅިގެން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ.
އެ ކެމްޕޭން މެދުވެރިކޮށް ދުނިޔޭގެ 10 ގައުމެއްގެ 117 މީހުންނާ ހަމައަށް ރާއްޖެ ޕްރޮމޯޓް ވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ އެ ކެމްޕޭންގެ ބައެއްގެ ގޮތުން އުރީދޫ އާއި އޯކާ މީޑިއާ ގްރޫޕުން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށާފައިވާ ކަމަށެވެ. އެކެމްޕޭން މެދުވެރިކޮށް ރާއްޖޭގެ ރިވެތި ސަގާފަތާ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ޕޮޓޯ އާ ވީޑިއޯ ހިއްސާކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ އެ ކެމްޕޭންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމާ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ.
އެކެންޕޭންގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ފޮޓޯއާ ވީޑިއޯ ހިއްސާކޮށްގެން ބައިވެރިވެވޭނެ ކަމަށާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރަންޖެހޭނީ އެ މަހެއްގައި ކަނޑައަޅާފައިވާ ތީމްއަކަށް ކަމަށް އުރީދޫން ބުނެއެވެ. ފޮޓޯއާއި ވީޑިއޯ އަޕްލޯޑް ކުރާއިރު #ވިޒިޓްމޯލްޑިވްސް ޖަހަންޖެހޭނެ ކަމަށް އުރީދޫން ވަނީ ފާހަގަކޮށްފައެވެ.
އެކަމާއި ގުޅޭގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތައް ލިބުނު ގެއްލުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އަލުން ފަތުރުވެރިކަން ކުރިއެރުވުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.
މި ކެމްޕޭންގެ ސަބަބުން ރާއްޖެ އިތުރަށް ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މި ކެންޕޭން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށާއި އަދި ކެންޕެއިން ކުރިއަށްދާނީ 5 މަސްދުވަހަށް ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ ކޮންމެ މަހަކުވެސް ވަކި ތީމްއަކާ ހާއްސަ އިނާމުތަކެއް ކަނޑައަޅާނެ ކަމަށާއި އަދި ކޮންމެ ފޮޓޯއަކާ ވީޑިއޯއެއްވެސް ގުނާނީ ވަކި ވަކިން ކަމަށެވެ. އެހެންކަމުން ގިނަ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ފަރާތަކަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ ކޮންމެ މަހެއް ނިމުމުން ބާއްވާ ލަކީޑްރޯއަކުން ކަމަށެވެ.
ފުރަތަމަ މަހުގެ ތީމްއަކީ ރާއްޖޭގެ ސަޤާފަތާއި އާދަކާދައެވެ. އެހެންކަމުން ރާއްޖޭގެ ކެއިންބުއިންތަކާ، ދިވެހިންގެ އަތްތެރި މަސައްކަތްތަކާ، ސަގާފަތް ދައްކުވައިދޭ ފޮޓޯއާ ވީޑިއޯ ފޮނުވޭނެ ކަމަށް އުރީދޫން ބުނެއެވެ، އަދި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ވ. ކެޔޮދޫ ޖުޕިޓާ ސަންރައިޒް ގައި 2 މީހަކަށް 2 ދުވަހުގެ ހުރުމެއް ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.