ތޫނުއެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހުކުމް ކުރާނެ ތާރީހެއް ކްރިމިނަލް ކޯޓުން ކަނޑައަޅާފިއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އެމައްސަލަ ކުރިއަށް ގެންދާނެ ތާވަލެއްހަދާފައިވާއިރު ވާރިސުންގެ ބަސް ނެގުމަށް އަޑުއެހުމެއް ތާވަލްކޮށްފައިވަނީ ސެމްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އޭގެ އިތުރުން ދިފާއީ ހެކިންނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ އަޑުއެހުމެއް ސެމްޓެމްބަރު މަހުގެ 16 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެމައްސަލައިގެ ހުކުމް ކުރުމަށް ވަނީ ތާވަލްކޮށްފައެވެ.

ޔާމިނަށް ހަމަލާ ދީފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިންނެވެ. ޔާމީން މަރުވެފައި ވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށް ވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައި ވެއެވެ.

ޔާމީން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދުގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އޭގެ ތެރެއިން ޔާމީނަށް އަމަލީ ގޮތުން ހަމަލާ ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ހައިޝަމް އަށާއި ޒިހާނަށެވެ. ދެން ތިބި އެންމެނަކީ އޭނާ މަރާލުމަށް އެ މީހުންނާއެކު ގުޅިގެން މަސައްކަތް ކުރި މީހުން ކަމަށް ދައުލަތުން ބުނެއެވެ.