ހުރިހާ އިންތިހާބަކަށް ވެސް ވާދަކުރަން ޝަރުތު ހަމަވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފު އެހެން ވިދާޅުވީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ، މަޖިލިސް ނުވަތަ ކައުންސިލް އިންތިހާބަށް ވެސް ޝަރުތު ހަމަވާ ކަމަށާއި ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފަ، ގައުމީ މަޖިލީހުގެ އިންތިހާބުގަ ވާދަނުކުރެވުނީމަ ހަމައެއްނުޖެހޭ ކަމަށެވެ.

އެގޮތުން ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު ވާދަކުރެވެންވާނެ ކަމަށާއި އެހައްގު ހޯދަން މަސައްކަތްކުރާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ މިއީ އެމްޑީޕީ އިން އަބަދު ވަކާލާތުކުރި، އިންތިހާބުތަކުގަ ވާދަކުރުމުގެ ހައްގާއި ދިމާ އިދިކޮޅު/ޑިމޮކްރެސީގެ ރޫހާވެސް ހިލާފު ނިންމުމެއް ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް، ނައިބު، ޗެއާޕާސަން އަދި ޕްރައިމަރީތަކަށްވެސް ޝަރުތުހަމާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވަނީ މިހިނގާ ކަންކަމަކީ އެމްއެމްޕީއާރްސީ އާގުޅޭ ކަމެެއްނޫން، ކަމަށާއި މިއީ ސިޔާސީ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މިބޭފުޅުންނަށްޓަކައި އެތައް ގުރުބާނީއެއްވެދީ އަދި މިހާރުވެސް ސަރުކާރުގަ ވަރަށް ރަނގަޅު ނަތީޖާ ނެރެދީފައިވާއިރު ވެގެންމިއުޅޭ ގޮތް އެއްގޮތަކަށް ވެސް ނުވިސްނޭ
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް ހުޅުވާލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. މަހުލޫފް ވާދަކުރައްވަން ނިންމެވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. މި އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުން ބެލުމަށް ފަހު ކަމާ ގުޅޭ މުއައްސަސާތަކަށް އެ ކެންޑިޑޭޓުންގެ ލިސްޓު ވަނީ އެމްޑީޕީން ފޮނުވާފައެވެ.

މަހްލޫފަށް ފޮނުވި ސީޓިގައި ބުނެފައި ވަނީ ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވި އިރު، އޭރު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަހުމަދު މަހުލޫފްގެ މައްސަލައެއް ބަލަމުންދާ ކަމަށް އަންގާފައި ވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެއެވެ.