އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް ހުޅުވާލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. މަހުލޫފް ވާދަކުރައްވަން ނިންމެވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. މި އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުން ބެލުމަށް ފަހު ކަމާ ގުޅޭ މުއައްސަސާތަކަށް އެ ކެންޑިޑޭޓުންގެ ލިސްޓު ވަނީ އެމްޑީޕީން ފޮނުވާފައެވެ.

މަހްލޫފަށް ފޮނުވި ސީޓިގައި ބުނެފައި ވަނީ ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވި އިރު، އޭރު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަހުމަދު މަހުލޫފްގެ މައްސަލައެއް ބަލަމުންދާ ކަމަށް އަންގާފައި ވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން މަހުލޫފަށް އަންގާފައި މިވަނީ، ޕާޓީގެ ތެރޭގައި ވެސް ބައެއް އިސް ފަރާތްތައް އޭނާއާ ދެކޮޅަށް މަސައްކަތްތަކެއް ކޮށް މަގާމުން ދުރުކުރަން މަސައްކަތް ކުރާ ކަމަށް މަހުލޫފް ވިދާޅުވަމުންދާ ދުވަސްވަރެއް ގައެވެ.

އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގާފައިވާކަން އެނގުމުން، އެންމެ ފުރަތަމަ މަހްލޫފް ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމުން ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން އޭޕްރިލް 16، 2019 ގައެވެ.

ނަމަވެސް އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނޭތީ އޭނާ ވަނީ އަނެއްކާ ސަސްޕެންޑް ކޮށްފައެވެ. މަހްލޫފް ސަސްޕެންޗަންގައި މިހާރު ހުްނަވާތާ 2 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދިވެސް މި މައްސަލައިގައި ޕީޖީން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން މަހްލޫފް އަންނަނީ އޭނާގެ ކަންބިޑުވުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. މިކަމާ ގުޅިގެން ޕީޖީން ބުނެފައި ވަނީ، ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުން ދިގުލައިގެން ދިޔަ ނަމަވެސް މަހްލޫފް ވީތީ ތަފާތެއް ނުކުރާނެ ކަމަށެވެ.

އެމްޑީޕީން ވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އާންމު ކޮށްފައެވެ. އެ ލިސްޓްގައި މަހްލޫފް ނުހިމެނޭ އިރު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ވަނީ އެ ލިސްޓުން ޝަރުތު ހަމަނުވާ ފަރާތެއްގެ ގޮތުގައި ހިމަނާފައެވެ. އޭނާއަކީވެސް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތުހުމަތު އޮތް ފަރާތެކެވެ.