ކާބުލް އަށް ވަދެ ރިޔާސީ ގަނޑުވަރު ހިފައި ހަނގުރާމަ ކާމިޔާބު ވެއްޖެކަން އިއުލާން ކޮށްފައި ވާ ތޯލިބާން އިން ގާއިމް ކުރާ ސަރުކާރު ރާއްޖެއިން ބަލައިން ނުގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އދގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް، ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވީ، ތޯލިބާނުން ކުރާ ހަނގުރާމައިގައި ކާބުލް އެމީހުންގެ އަތްދަށަށް ގެންގޮސް ހަނގުރާމަ ކާމިޔާބު ކޮށްފައިވާ މި ދަނޑިވަޅުގައި އެ ޖަމާއަތުން ބިނާކުރާނެ ސަރުކާރަކަށް ރާއްޖެއިން ތާއިދު ކުރުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ބުނެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ފަތުރަމުންދާ ހަބަރުތަކާ ގުޅިގެންނެވެ.

ޑރ. ޝަހީދު ވިދާޅުވީ، 1990 ގެ އަހަަރުތަކުގައި ވެސް ރާއްޖެއަކީ ތޯލިބާނުންގެ ސަރުކާރަށް ތާއިދު ކުރި ގައުމެއް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ ޓެރަރިސްޓް ޖަމާއަތްތަކުން ހިންގާ ކަންކަމަށް ތާއީދު ކޮށް އެފަދަ ޖަމާއަތްތަކަށް ތަރުހީބު ދޭނެ ގައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު އަފްގާނިސްތާނުގެ މަސްރަހާ ގުޅޭގޮތުން ޝަހީދު ވިދާޅުވީ ރާއްޖޭގެ ނިންމުމަށް ބަދަލެއް ނުގެންނަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ އަޒުމްގައި ހުންނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ހާއްސަކޮށް ޓެރަރިސްޓް ޖަމާއަތަކާ އެއްކޮޅަށް ރާއްޖެ ނާރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކާބުލްގެ ރިޔާސީ ގަނޑުވަރާއި އެހެނިހެން މުހިންމު ބައެއް ތަންތަން ވަނީ ރޭގެ ވަގުތެއްގައި ތޯލިބާންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއާއެކު ކާބުލް ކައިރީގައި އޮންނަ ހާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ގިނަ އަދަދެއްގެ މީހުން ޖަމާވެ، އެގައުމުން ފުރައިގެން ދާން މަސައްކަތް ކުރާ އިރު އެތަނުގެ ހާލަތު ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ތޯލިބާނުން ބުނާ ގޮތުގައި އެ ގައުމުން ފުރައިގެންދާ ބޭނުންވާ ފަރާތްތަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އަފްގާނިސްތާނުގައި އެ ޖަމާއަތުން ގާއިމުކުރާ އާ ސަރުކާރަށް ތާއީދު ކުރާނެ ކަމަކަމަށް އެއްވެސް ގައުމަކުން އަދި ރަސްމީކޮށް ބުނެފައެއް ނުވެއެވެ. ނަމަވެސް އެފަދަ ސަރުކާރަކާ އެކުގައި ވެސް މަސައްކަ ތްކޮށްފާނެ ކަމުގެ އިޝާރާތެއް ޗައިނާ އިން ވަނީ ދީފައެވެ.