ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އަދި އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ މުހައްމަދު އަމީނަކީ ހަނގުރާމަށް ދިވެހިން ފޮނުވާ މީހެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ޓެރަރިޒަމްގެ 2 ދައުވާއެއް އުފުލާފައިވާ އިރު، އެއީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

މިއަދުގެ އަޑުއެހުމުގައި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާކުރާ ސަބަބު ބަޔާން ކުރަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އަމީނަކީ އައިއެސްގެ ރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކުރި މީހެއް ކަމަށެވެ.

އޭގެ އިތުރުން އޮކްޓޫބަރު 21، 2018 ވަނަ ދުވަހު އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ އިސްލާމިކް ސްޓޭޓް ޚުރަސާންގެ ދިވެހިރާއްޖޭގެ ސެލްގެ ވެރިއެއްގެ ގޮތުގައި އަލީ ޝާފިއު އަފްޣާނިސްތާނަށް ފޮނުވި ކަމަށާއި، ދިވެހީންގެ ތެރެއިން އޭނާ ރެކްރޫޓްކުރާ މީހުން އިސްލާމިކް ސްޓޭޓް ޚުރަސާންގައި ގާއިމްވުމުން އިތުރު ދިވެހިން އެ ގައުމަށް ހަނގުރާމަކުރުމަށް ފޮނުވުމަށް ރާވަމުންދިޔަ ކަމަށެވެ. އަދި ސިރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އަމީން ދިވެހިން ރެކްރޫޓްކޮށް އެ މީހުން ސީރިޔާއަށް ފޮނުވާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އަމީނާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ސިއްރު ތިން ހެކިވެރިއަކާ، ފޮޓޯ އައިޑެންޓިފިކޭޝަން ސެޓެއް، އަދި އިންޓެލިޖެންސް ރިޕޯޓު ހިމެނެއެވެ.

އޭގެ އިތުރުން މޯބައިލް ފޮރެންސިކް ރިޕޯޓު، ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް، ޓެކްޓިކަލް އިންޓެރޮގޭޝަން ރިޕޯޓް އަދި ސިއްރު ލިޔުންތަކެއްގެ ގޮތުގައި އެމެރިކާގެ ކަމާ ބެހޭޭ ފަރާތްތަކެއްގެ ލިޔުންތަކަކާ އަމީނަކީ ކާކުކަން ބަޔާންކޮށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ތައްޔާރު ކޮށްފައި ވާ ބްރީފެއް ވެސް ވަނީ ހުށަހަޅާފައެވެ.

ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އަމީން އިންކާރު ކުރިއިރު، ދައުވާތަކުގައި ވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އަމީންގެ ވަކީލުން ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ވެސް އެކުލަވާލިއެވެ. ދެން މައްސަލައިގައި އޮތީ ހެކިބަސް ނެގުން ކަމަށް ވާތީ އެކަމަށް ތިން އަޑުއެހުން ތާވަލުކުރިއެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހު އަޑުއެހުމަކާއި، އަންނަ މަހު 29 ގައި ޚުލާސާ ބަޔާން އިއްވަން އަަޑުއެހުމަކާއި، އޮކްޓޫބަރު ނޫނީ ނޮވެމްބަރު މަހު ހުކުމް އިއްވަން އަޑުއެހުމެއް ކަން ގާޒީ ފާހަގަކުރެއްވިއެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ހޯދި މީހެކެވެ. ނަމަވެސް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފިލައިގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ރެެޑް ނޯޓިސް ނެރެގެން ލަންކާގައި ހުއްޓައެވެ. ހައްޔަރުކޮށްގެން ރާއްޖެ ގެނެސް 2012 ގައި އޭނާ ވަނީ ދޫކޮށްލާފައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެހި ރައްޔިތެވެ.