އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަދި ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޑީއެންއޭ އާ ދުރަށް ވަޑައިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޕާޓީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވަން ނިންމަވައިފިއެވެ.
ސިޔާސީ ދާއިރާ އަށް ރަސްމީކޮށް ނުކުމެވަޑައިގަތުމަށް ނިންމަވައި އެކަމާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި އިހުސާން ވިދާޅުވީ ރާއްޖޭގެ އަމިއްލަވަންތަކަމާއި އިގްތިސޯދީ އަދި ސަރަހައްދީ މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެއީ ކުރިމަގުގައި ވެސް ދިމާވާނެ މައްސަލައަކަށް ވާތީ އެ ކަމަށް އޮތް ހައްލަކީ ދިވެހި ފަސްގަނޑާއި ދިވެހިން ދެކެ ލޯބިވާ ޒިންމާދާރު ބަޔަކު ސިޔާސީ މައިދާނުގައި މަސައްކަތް ކުރުން ކަމަށް ގަބޫލުކުރެއްވޭ ކަމަށް އިހުސާން ވިދާޅުވިއެވެ.
އެކަންކަން ހައްލުކުރުމަށް ރާއްޖެ އާއި ދިވެހިން ދިފާއުކުރުމުގައި އަމިއްލަ ފުރާނަ ގުރުބާން ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް މާތްﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނެވި ކުރީގެ ސިފައިންގެ އޮފިސަރަކަށް ވާތީ އަދި ސިޔާސީ މައިދާނަކީ ވަކި ބަޔަކު ބޭނުންހާ ގޮތެއް ހެދުމަށް އޮތް ދާއިރާއެއް ކަމަށް ގަބޫލު ނުކުރެއްވޭތީ މިއަދުން ފެށިގެން ރަސްމީގޮތުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން އެމްއެންޕީއާ ގުޅިވަޑައިގަންނަވަން ނިންމެވީ ކަމަށް އިހުސާން ވިދާޅުވިއެވެ.
ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ޕާޓީއަށް ވަނުމަށް މިހާރު ވެސް 20،000 ފޯމު އެކި ފަރާތްތަކުން ވަނީ ގެންގޮސްފައެވެ. އަމާޒަކީ، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓަރީ ކުރަން އީސީ އަށް ހުށަހަޅާއިރު 5،000 މީހުންގެ ސޮއި ހަމަކުރުން ކަމަށް އެ ޕާޓީގެ އެއް ފައުންޑިން މެމްބަރު ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އިއްޔެ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުން އެމްއެންޕީ އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ޖުލައި މަހުގެ 15 ގައެވެ. ގާނޫނު ބުނާ ގޮތުން ހުއްދަ ދޭ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި މަދުވެގެން 3،000 މީހުންގެ ސޮޔާއެކު އެ ޕާޓީއެއް ރަޖިސްޓަރީ ކުރަން އީސީ އަށް ހުށަހަޅަން ޖެހެއެވެ.