ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުން ނެރޭ އަދި އިތުރު ކަނބަލުން މި ސިނާއަތައް ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
މުޣުނީ މިހެން ވިދާޅުވީ، ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރު ކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގެ ނިންމުން ފާހަގަކޮށް ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ކޯހުގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވިނަމަވެސް، ކޮވިޑާއި ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު އެ ކޯސް ފުރިހަމަ ކުރެވިފައިވަނީ މީގެ ތެރެއިން 10 ބައިވެރިއަކަށެވެ. އަދި އޭގެ ތެރެއިން ދަސްވެނިވެފައިވަނީ 8 ބައިވެރިއެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ، ކޯސް ނިންމި ހުރިހާ ބައިވެރިންގެ ހިތްވަރު ފާހަގަކޮށް މަރުހަބާ ދަންނަވާ ކަމަށާއި، އަންހެނުންނަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ހިންގި އެކޯހުގެ ބައިވެރިންނަކީ ތާރީހުގައި ލިޔެވިގެންދާނެ ބައެއް ކަމަށެވެ.
އަދި މިއަދު ކޯސް ފުރިހަމަ ކުރި ހުރިހާ ބައިވެރިންނަކީ ހަމަ އެކަނި ސްޓެލްކޯގެ މުވައްޒަފުންނަށް ނުވުމަކީވެސް މި ސިނާއަތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ އަދި ދެ ޖިންސްގެ ޒުވާނުންނަށްވެސް ސްޓެލްކޯއަކީ ހުޅުވާލެވިފައިވާ މުއައްސަސާއެއްކަން ހާމަވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން މިކޯހުން ދަސްވެނިވި ފަރާތްތަކަކީ ހައުސް ވަޔަރިން ސެޓެފިކެޓް ހޯދުމުގެ ޝަރުތުހަމަވާ އަދި އެދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ތަނަވަސްވެފައިވާ ބައެއް ކަން މުޣުނީ ވަނީ ފާހަގަކުރައްވާފަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، އެކޯސް ފުރިހަމަ ކުރި ފަރާތްތަކަށް އަމިއްލަ ނަމުގައްޔާ މަޖިލީހުގެ ނަމުގައި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަކީ އަންހެނުންގެ ބައިވެރިވުން ކުޑަ މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކަމަށާއި، އެހެން ނަމަވެސް މިއަދު މިކޯސް ނިންމި ކަނބަލުން ވެގެންދާނީ މުސްތަގުބަލުގައި މި ދާއިރާއަށް ނިކުންނަށް ބޭނުންވާ އަންހެނުންނަށް ހިތްވަރަކަށް އަދި ބިންގަލަކަށް ކަމަށެވެ.
ކޯސް ނިންމި ބައިވެރިންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރިޔަމް ލަޔާލް ބުނީ މި ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އެކޯހުގައި ބައިވެރިވީ އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކަމަށާއި، އެމަސައްކަތުގެ ހުނަރު އިތުރަށް ބިނާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.
ތި ކަމަކީ އެހާ ބުއްދިވެރި ކަމެއް ކަމަކަށް ނުފެނޭ. މިހެން ބުނީމަ ވިސްނެން ވާނެ ކީއްވެކަން.