ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ ރޭވި މީހުން ނުހޯދޭތީ ރާއްޖެ ވަޑައިނުގަންނަވަން އާއިލާއިން ވެސް އެދެމުންދާތީއެކު އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދޭން މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ މި އަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށީ ރައީސް ނަޝީދު މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައިވާ ސިޓީއެއް އިއުލާން ކުރައްވަމުންނެވެ. އެ ސިޓީ މަޖިލީހުގެ މެންބަރުން އިއްވަވައި ދެއްވީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއެވެ.
ނަޝީދުގެ ސިޓީގައި ފުރަތަމަ ވެސް ވިދާޅުވެފައިވަނީ "މި ސިޓީއަކީ ދައުލަތުގެ އިދާރާއަށް ނުރުހިގެން އަޅުގަނޑު ފޮނުވާފައިވާ ސިޓީއެއް ނޫން. މިއީ ހާލަތު އޮތް ގޮތުން ފޮނުވާފައިވާ ސިޓީއެއް." ކަމަށެވެ.
ނަޝީދު ވިދާޅުވީ، ހަމަލާގެ ތަހުގީގު ނިމި އެ ކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނެސް ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން އާއިލާއާއި ހެޔޮ އެދޭ އެތައް ބަޔަކާއި އެމަނިކުފާނުވެސް ޖެހިލުންވެ ވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭއިން ބޭރުގައި ހުންނެވި ނަމަވެސް މަޖިލީހުގެ މަސައްކަތްތަކުގައާއި ގައުމަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
ނަޝީދުގެ ޗުއްޓީ އިތުރުކޮށްދޭން އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ދައުލަތުން ލިބިދޭން ޖެހޭ ހުރިހާ ރައްކާތެރިކަމެއް ދެވެން އޮތް ވަރަކުން ދޭނެ ކަމުގެ ޔަގީން ކަން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވާފައިވެއެވެ.
ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަހަމްތަކުން ފަރުވާ ހޯއްދަވަން އޭޑިކޭގައި ހަފުހާއެއްހާ ދުވަހު ގިނަ އޮޕަރޭޝަންތަކެއް ކުރެއްވިއެވެ. ދޮޅު މަހެއްހާ ދުވަހު ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ފަރުވާ ހޯއްދެވިއެވެ.