އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ގެ ފުރަތަމަ ދުވަހު 900 އަށް ވުރެ ގިނަ ކުދިން ވެކްސިން ޖަހައިފިއެވެ.
މިކަމާއި ގުޅިގެން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް އަދި ޗެއާޕާސަން އޮފް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް އޮން އިމުނައިޒޭޝަން ވިދާޅުވީ 990 އަށްވުރެ ގިނަ ކުދިން އިއްޔެ ކޮވިޑުގެ ވެކްސިން ޖަހާފައިވާ ކަމަށެވެ. އަދި ވެކްސިން ޖެހި ކުދިންގެ ފަރާތުން އެއްވެސް ކަހަލަ ނޭދެވޭ ކަމެއް ނުފެންނަ ކަމަށްވެސް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ.
އިއްޔެ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ. ސްކޫލު ކުދިންގެ 12 އަހަރާއި 17ގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
19 ސްކޫލެއްގައި ވެކްސިން ޕްރޮގްރާމް ފަށާފައިވާއިރު ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 80 ޕަސެންޓަށްވުރެ ގިނަ މީހުންވަނީ ވެކްސިގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި މިދިޔަ ހަފްތާގެ ނިޔަލަށް 69 ޕަސެންޓަށްވުރެ ގިނަ މީހުންވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.
މިހާރު ކުރިއަށްދާ ވެކްސިން ޕްރޮގްރާމްގެ ސަރުކާރުގެ އަމާޒަކީ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މިމަހުގެ ނިޔަލަށް ވެކްސިން ޖެހުމެވެ.