އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުން ދިގުލައިގެން ދިޔަސް މަހްލޫފް ވީތީ ތަފާތެއް ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އެހެން ބުނެފައިވަނީ މަހުލުފުގެ މައްސަލަ ދިގުލައިގެންގޮސް އެކަމާ ގުޅިގެން މަހްލޫފް ދައުލަތަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ މައްސަލަތަކުގައި ދައުވާ ކުރުމާމެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެއްކާ ގަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއް ކަމަށެވެ. އަދި މައްސަލަތަކުގައި ތަހުގީގު އިދާރާތަކުން ހޯދާ ހެއްކާ ގަރީނާއަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެއްކާ ގަރީނާކަން ކަށަވަރު ކުރާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެމައްސަލައިގައި ވެސް އެކަން ކަށަވަރު ކުރާނެ ކަމަށާއި ޕީޖީ އޮފީހުން އެއްވެސް މީހަކާމެދު ނުހައްގުން އަމަލު ނުކުރާ ކަމަށް އެއޮފީހުން ބުނެއެވެ. ޕީޖީ އޮފީހުން ބުނީ އެކަމުގައި އެއްވެސް އިސްތިސްނާ އެއްނެތް ކަމަށާއި ބައެއް ބޮޑެތި މައްސަލަތަކުގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުހަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަހުގީގު އިދާރާތަކާއެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ އިތުރު މުއްދަތުތަކެއް ހޭދަވާ ކަމަށެވެ.

އެގޮތުން މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ވެސް ދިމާވީ އެހެން ކަމަށާއި މިއީ މަހުލޫފްއާ މެދު ތަފާތު ގޮތަކަށް އަމަލުކުރަނީ ނޫން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ ހުސެއިން ޝަމީމު / ފޮޓޯ: ރާއްޖެއެމްވީ

ޕީޖީ އޮފީހުން ބުނީ ތުހުމަތުކުރެވޭ ފަރާތުން އެ އޮފީހަށް ނިސްބަތްކޮށް ކުރާ ތުހުމަތުތަކަކީ މައްސަލައިގެ ތުހުމަތުކުރެވޭ މީހެއްގެ ހައިސިއްޔަތުން އެފަރާތެއް ދެކޭގޮތް ކަމަށް ވެދާނެ ކަމަށާއި އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

ޕީޖީ އޮފީހުން ވަނީ ގާނޫނާ ހިލާފަށް އެއްވެސް މީހަކާމެދު އަމަލު ނުކުރާނެކަމަށް ބުނެފައެވެ.

މަހްލޫފް ވަނީ ދާދި ފަހުން ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓްގައި ނަން އޮތަސް، އެކަމުގައި ބައިވެރި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ޖަލަށް ނުލެވޭނެ ކަމަށާއި މަގާމުން ވަކިވިޔަސް ނުކުމެގެން ދާނީ މޭ ފުއްޕާލާފަ ފަހުރުވެރިކަމާ އެކުގައި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އޭގެ އިތުރުން އޭސީސީ އިން އެ މައްސަލަ ބެލުމުގައި އަމަލު ކުރި ގޮތާ މެދު މަހްލޫފް ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން މަހްލޫފް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ނުކުރި ނަމަވެސް އެ މައްސަލައިގައި ކަމާއި ބެހޭ ފަރާތްތަކުން އަމަލު ކުރާ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މަހްލޫފު ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގާ، އެއްވެސް ހެއްކެއްނެތި ކޯޓަށް ހުށައަޅައިފިނަމަ، ދައުލަތް އޮރިޔާން ކުރާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަތަކަކީ އޮޅުމެއްކަމަށާއި، ދައުލަތް އޮރިޔާން ކުރާނެ ކަމަކަށް ބުނެފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

ބައެއް ހަބަރު ތަކުގަ އިބާރާތް ކުރެވިފަ ހުރިގޮތުން، ބައެއް ފަރާތްތަކުން “ދައުލަތް” މާނަ ކުރިގޮތާމެދު ސުވާލު ކުރާތީ އެކަން ސާފުކޮށްދެއްވައި ރޭ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްރޮގުރާމުގައި ދައުލަތް މާނަކޮށްފައިވަނީ ދައުލަތުގެ ފަރާތުން ކޯޓުތަކުގައި ވަކާލާތުކުރަން ވަޑައިގަންނަވާ ދައުލަތުގެ ވަކީލުންނަށް ކަމަށެވެ. އަދި ދަންނަވާފައިވާނީ މިމައްސަލާގައި އެއްވެސް ހެއްކެތްނެތި ދައުވާ އުފުލައިފިނަމަ، ތަހުގީގަށް ނުފޫޒު ފޯރުވާ ފަރާތްތަކުގެ ވާހަތައް ކޯޓުތަކުގައި އޮރިޔާން ވާނެކަމަށެވެ. އެއްވެސް ހާލެއްގައި ދައުލަތް “އޮރިޔާން ކުރާނެކަމަށް” ބުނެފައި ނުވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު އާންމުކުރި އިރު އެ ލިސްޓުގައި މި ސަރުކާރުގެ މިހާރު ތިބި ވަޒީރުންގެ ތެރެއިން ނަން އޮތީ މަހްލޫފްގެ އެކަންޏެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިވަޑައިގެންނެވި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގާފައިވާކަން އެނގުމުން، މަހްލޫފް ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމާއި ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން އޭޕްރިލް 16، 2019 ގައެވެ. ނަމަވެސް އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނޭތީ އޭނާ ވަނީ އަނެއްކާ ސަސްޕެންޑް ކޮށްފައެވެ.

މިކަމާ ގުޅިގެން މަހުލޫފް ވިދާޅުވެފައި ވަނީ އޭނާގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައި ވަނީ، ޑޮލަރު ގަތުމަށް ހިންގެވި ސައްހަ މުއާމަލާތެއްގެ ތެރެއިން ކަމަށެވެ.