ވެމްކޯއިން ދޮގު ބަޔާން ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ ކޮވިޑާ ގުޅިގެން ގޭބިސީތަކުން ބޭރަށް ކުނި ނެރުމަށް ވެމްކޯއިން އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސްފައިވާކަމަށް މުއިއްޒު ވިދާޅުވެފައިވަނިކޮށް ވެމްކޯއިން އެފަދަ ނިންމުމެއް ނިންމާފައިނުވާކަމަށް ބުނުމުންނެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓުގައި ވަނީ ކޮވިޑާ ގުޅިގެން ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖައްސާފައިވާ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލާ ވެމްކޯއިން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލުން ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް ބަދަލު ގެންނަން ވެމްކޯއިން އެއްބަސްވެފައިވާ ކަމަށާ އެ ބަހުގައި ދެމިހުންނާނެކަމަށް އުންމީދުކުރައްވާ ކަމަށް މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ވެމްކޯއިން ރޭ ނެރުނު ނޫސްބަޔާނުގައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުގެ ތެރެއިން އޭޕްރިލް 16، 2020 ގައި ގޭބިސީތަކުން ކުނި ނަގާ އުސޫލަށް ގެނައި ބަދަލަށް ފަހު އެއްވެސް އިތުރު ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. އަދި އުސޫލަށް ބަދަލުގެނައި ކަމަށް ދެކެވޭ ވާހަކަތަކަކީ ސައްހާ ވާހަކަތަކެއް ނޫންކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

ވެމްކޯއިން މިހެން ބުނެފައި ވަނީ މާފަންނުގެ މީހުންނާއެކު މާލޭ ސިޓީ ކައުންސިލުން އިއްޔެ ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. މުއިއްޒު ވިދާޅުވެފައި ވަނީ، މާލޭގެ ގޭބިސީތަކުން އުކާލާ ކުނި މި މަހުގެ 21 އިން ފެށިގެން ނަގަމުން ދާނީ ކުރިއެކޭ ވެސް އެއްގޮތަށް ގޭބިސީތަކަށް ވަދެ ކުނި ނަގާ ގޮތަށް ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރޭ ވެމްކޯގެ އެމްޑީ ވިދާޅުވީ، މިހާރުވެސް މާލެ ސަރަހައްދުގައި ކުނި ނަގަމުން ދާނީ ކުރިއެކޭ އެއްގޮތަށް ކަމަށެވެ. ގޭބިސީތަކުން ކުނި ނެރެފައި ބަހައްޓަން ޖެހޭނީ އެގެއެއްގެ ދޮރާށި ކައިރީ މަގުމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދައިން ވެމްކޯއިން ބަޔާން ނެރެ މައުލޫމާތު ހިއްސާ ކުރީ މުއިއްޒު ދެއްކެވި ވާހަކައަކާ ގުޅިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މިހާރު ކުނި އުކުމުގެ ކަންކަން ކުރިއަށް ގެންދަނީ 7 ޒޯނަކަށް ބަހާލައިގެންނެވެ. 7 ޒޯނަކަށް ބަހާލައިގެން ކުނި ނަގާއިރު އެ ޒޯން ތަކުގެ ތެރޭގައި ވެސް ސަބް ޒޯންތަކެއް ކަނޑައަޅައި ވީހާވެސް އަވަހަކަށް ކުނި ނެގުމުގެ ކަންކަން ނިންމާ ލުމަށް މަސައްކަތް ކުރާ ކަަމަށް އާދަމް ވިދާޅުވިއެވެ.

އަމާޒަކީ އާންމުންނަށް ވީ އެންމެ ރަނގަޅަކަށް މި ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ކުނި ނެގުމުގެ އުސޫލަށް ބަދަލު ގެންނަން ނިންމުމާ އެކު ޕަބްލިކަށް އެކަން ހިއްސާ ކުރައްވާނެ ކަމަށް އާދަމް ވިދާލުވިއެވެ. އެހެންކަމުން އަދިވެސް ކުރިއެކޭ އެއްގޮތަށް މަގުތަކަށް ކުނި ނެރުމަށް ވެމްކޯއިން އިލްތިމާސް ކުރެއެވެ.