ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި، ފައިޒާއިން ތަރައްގީ ކޮށްފައި ވާ ކޮވިޑް ވެކްސިންގެ ފޭކު ނުވަތަ ވަގު ޑޯޒްތަކެއް ދައުރު ވަމުން ދާ ކަން، އެ ކުންފުނިން ކަށަވަރު ކޮށްދީފިއެވެ.
ފައިޒާ ކުންފުނީގެ ފޭކު ކޮވިޑް ވެކްސިން ޑޯޒްތައް ދައުރު ވަނީ މެކްސިކޯ އަދި ޕޯލަންޑްގައި ކަމަށްވެސް ފައިޒާ ކުންފުނިން ވަނީ ކަށަވަރު ކޮށްދީފައެވެ.
މެކްސިކޯގައި ދައުރު ކުރާ ވަގު ވެކްސިން ޑޯޒްގެ ވައިލްތަކުގެ ލޭބަލްގައި އޮޅުވާލުންތަކެއް ހުރިއިރު، ޕޯލަންޑްގައި ފައިޒާ ވެކްސިން ޑޯޒްގެ ގޮތުގައި ދައުރު ކުރަނީ، ރޫޖެހުމުން ދުރުކޮށްދޭ ފަރުވާއެއް ކަމަށް ގަބޫލު ކުރާ ކަމަށް ފައިޒާ ކުންފުނިން ބުނެއެވެ.
ޕޯލަންޑްގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ، އެ ގައުމުގައި ރަސްމީ ކޮށް ހިންގާ ވެކްސިން ކެމްޕޭންގައި، ފޭކު ޑޯޒް ދައުރުވުމަކީ، އަމަލީ ނަޒަރަކުން ބަލާއިރު އެއްގޮތަކަށްވެސް ނުވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ކޮވިޑް-19 އަކީ އާލަމީ ބަލިމަޑުކަމަކަށް ވެފައި ވާއިރު، މިފަދަ ދަނޑިވަޅެއްގައި ފޭކު ވެކްސިން ދައުރުވުމަކީ އެކަމުގައި ސީރިއަސް ނުރައްކާތަކެއް ހުރި ކަމެއް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ދީފައެވެ.
މެކްސިކޯއާއި ޕޯލަންޑުން ފޭކު ވެކްސިން ޑޯޒްތަކެއް ފާހަގަ ކުރެވެނީ، އެ ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކުން، ވަކިވަކީން ހިންގި ތަހުގީގުތަކުގައެވެ. މެކްސިކޯއިން 80 ވަރަކަށް މީހުން ފޭކު ވެކްސިން ޑޯޒް ޖަހާފައި ވާއިރު، އެ ޖެހި އެއްޗެއްގެ ސަބަބުން ފުރާނައަށް ނުރައްކާ ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެމީހުންނަށް ކޮވިޑުން ދިފާއެއް ނުލިބެއެވެ.
މެކްސިކޯގެ ކަޅު ބާޒާރުގައި ވެކްސިން ޑޯޒްއެއް 2500 ޑޮލަރަށް ވިއްކާ ކަމަށްވެސް ހަބަރު ލިބެއެވެ.
މި މައްސަލާގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޕޯލަންޑްގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ، އެއްވެސް މީހަކަށް އަދި ވަގު ޑޯޒް ޖެހިފައި ނުވާ ކަމަށާ، ވަގު ޑޯޒް ޝިޕްމަންޓް އަތުލައިގެންފައި ވަނީ މީހެއްގެ އެޕާޓްމަންޓުން ކަމަށެވެ.
ފައިޒާގެ ގްލޯބަލް ހެޑް އޮފް ގްލޯބަލް ސެކިއުރިޓީ، ލެވް ކުބިއާކް ވިދާޅުވީ، މިފަދަ ޖަރީމާތަކަށް މަގު ފަހި ވެގެން އުޅެނީ، ދުނިޔޭގެ ފެންވަރުގައިވެސް ވެކްސިން ސަޕްލައި، އިންތިހާއަށް ދަށް ވުމުގެ ސަބަބުން ކަމަށެވެ.
އެމެރިކާއިން ވަނީ ފައިޒާ ވެކްސިންގެ ވަގު ޑޯޒްތަކެއް ދައުރު ވަމުން ދާ ކަމުގެ މައުލޫމާތު އެނގޭ ކަމަށާ، ކަމާ ގުޅުން ހުރި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން، އެ ގައުމުން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.