އަވަށްޓެރި އިންޑިއާއިން ފެންމަތިވެގެން އުޅޭ އާ ވޭރިއަންޓެއް ކަމަށް ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ޝިކާރައަކަށް ވެ، އެ ގައުމުގެ ވިޔަފާރި މަރުކަޒީ ރަށް، މުމްބާއީއިން ފުރަތަމަ ފަހަރަށް މީހަކު މަރުވި ކަމަށް ރިޕޯޓް ކޮށްފިއެވެ.
ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައި ވަނިކޮށް، އިންޑިއާއިން އަނެއްކާވެސް ފެނުނު އާ ވޭރިއަންޓެއް ކަމަށް ވާ ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ޝިކާރައަކަށް ވެ، އިންޑިއާއިން އެންމެ ފުރަތަމަ ފަހަރަށް މީހަކު މަރުވި ކަމަށް ރެކޯޑް ކޮށްފައިވާއިރު، ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ޝިކާރައަކަށް ވެ، މުމްބާއީއިން މަރުވެފައި ވަނީ، އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށް ހަބަރު ލިބެއެވެ.
ގަތުކޮޕާރްގެ ރަށްވެއްސެއް ކަމަށްވާ މި އަންހެން މީހާއަކީ ކޮވިޑުން ދިފާއުވާން ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހެއް ކަމަށާ، ނަމަވެސް ޖުލައި 21 ވަނަ ދުވަހު އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމަށް މައުލޫމާތު ލިބެއެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އޭނާއަށް ފަރުވާ ދޭން ފެށީ، ހާލު ދެރަވާން ފެށުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަންހެން މީހާ މަރުވީ ޖުލައި 27 ވަނަ ދުވަހުއެވެ. ނަމަވެސް މުމްބާއީގެ މަދަނީ އިދާރާ (ބީއެމްސީ) އަށް، އޭނާގެ ހަށިގަނޑުން ނެގި ސާމްޕަލްގެ ޖެނޯމް ސީކުއަންސިންގް ކަށަވަރު ކުރެވުނީ އޯގަސްޓް 11 ވަނަ ދުވަހުއެވެ.
މި އަންހެން މީހާއަކީ މުމްބާއީއިން ޑެލްޓާ ޕްލަސް ވޭރިއަންޓަށް ޕޮޒިޓިވްވި 7 މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ. އޭނާއާ ގާތުން ކޮންޓެކްޓްވި އިތުރު 2 މީހަކުވެސް މި ވޭރިއަންޓަށް ޕޮޒިޓިވް ކަމަށް ހަބަރު ލިބެއެވެ.
ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ޝިކާރައަކަށް ވެ، އިންޑިއާގެ މަރުގެ އިތުރު 2 ކޭހެއް މީގެ ކުރިންވެސް ވަނީ ރިޕޯޓް ކޮށްފައެވެ.
ޑެލްޓާ ޕްލަސް ވޭރިއަންޓަކީ، ކަންބޮޑުވާ ދަރަޖައިގެ ވޭރިއަންޓެއް ކަމަށް އިންޑިއާއިން ކަނޑައެޅީ ޖޫން މަހުގެ ފަހުކޮޅުގައެވެ. ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ވާހަކަ، އިންޑިއާއިން އާންމު ކުރީ ޖޫން 11 ވަނަ ދުވަހުއެވެ.
ޑެލްޓާ ޕްލަސް ވޭރިއަންޓަކީ، އެހެން ވޭރިއަންޓްތަކާ އަޅާ ބަލާއިރު، ފުއްޕާމޭގެ މައްސަލަތަކާ ދިމާއަށް ދާ ވޭރިއަންޓެއް ކަމަށް، އިންޑިއާގެ ނޭޝަނަލް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު އޮން އިމިއުނައިޒޭޝަން (އެންޓެގީ)ގެ އިސްވެރިޔާ ޑރ އެން.ކޭ އަރޯރާ ވަނީ ފާހަގަ ކުރައްވާފައެވެ.