މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަކީ ޗައިނާގެ ލެބަކުން ލީކުވީ ވައިރަހެއް ކަމަށް ބުނެ ދައުރުވަމުން ދާ ނަޒަރިއްޔާ، އަނެއްކާވެސް ބައިނަލްއަގުވާމީ ރާޑަރަށް އަރައިފިއެވެ.
ކޮވިޑް-19 އަކީ ޗައިނާގެ ލެބަކުން ލީކުވީ ވައިރަހެއް ކަމަށް ބުނާ ބުނުމުގެ އަޑު އަނެއްކާވެސް ގަދަ ވާން ފަށާފައި ވަނީ މިވަނީ، ވައިރަހުގެ އަސްލު ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށް ގެންދާ މިނިވަން ތަހުގީގު ޕެނަލްގައި އިސްކޮށް ހުންނަވާ ސައެންސްވެރިޔާ ޕީޓާ ބެން އެމްބަރެކް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
ޑެންމާކުގެ ޓީވީ ޗެނަލަކުން ދެއްކި ޑޮކިއުމަންޓްރީއެއްގައި އެމްބަރެކް ވަނީ، ވާ ދިރިއުޅޭ ހޮހަޅައެއްގައި ތަހުގީގު ކުރަމުން ދިޔަ ލެބްގެ މުވައްޒަފަކު، ސާމްޕަލް ނެގުމުގެ ތެރޭގައި އިންފެކްޓްވި ކަމަށާ، އެފަދަ ހާލެއްގައި އެއީ ލެބް ލީކުގެ ނަޒަރިއްޔާއަށް ފެތޭ ކަމެއް ކަމަށާ، އަދި އެއީ ވާލުން އިންސާނުންގެ ހަށިގަނޑަށް ވައިރަސް ފެތުރުނު ގޮތުގެ ފުރަތަމަ ނަޒަރިއްޔާއަށް ފެތޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ވުން ގާތް ކަމެއް ކަމަށް ބަލާ ނަޒަރިއްޔާއެއް ކަމަށްވެސް އެމްބަރެކް ވަނީ ވިދާޅުވެފައެވެ.
ކަން މިހެން އޮތް ނަމަވެސް، ޗައިނާގެ ސައެންސްވެރިންނާއެކު މި ނަޒަރިއްޔާގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައި ވާ ކަމަށް އެމްބަރެކް ވިދާޅުވިއެވެ.
އެމްބަރެކް ވަނީ، ކޮވިޑް-19 އަށް މަގުފަހި ކުރާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް-2 (ސާސްކޮވް-2) ގެ ރިޒަވޮޔާ ނުވަތަ ވައިރަސް ހުރި ކަމަށް ތުހުމަތު ކުރެވޭ ވާތަކަކީ، ޗައިނާއިން ކޮވިޑްގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރީ ވޫހާންގެ ޖަންގަލިތަކުގައި އުޅޭ ޒާތުގެ ވާތަކެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.
މި ޒާތުގެ ވާލާ ގާޓްވެފައި ވާނެ ބަޔަކީ ލެބޯޓްރީތަކުގެ މުވައްޒަފުން ކަމަށްވެސް އެމްބަރެކް ވަނީ ފާހަގަ ކުރައްވާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް ޗައިނާއިން ވަނީ، ކޮވިޑް-19ގެ ފުރަތަމަ ކޭސްތަކުގެ ރޯ ޑޭޓާ ނުވަތަ ބަދަލެއް ގެނެސްފައި ނުވާ އަސްލީ ތަފާސް ހިސާބުތައް، އެ އިދާރާއާ ހިއްސާ ކުރުމަށް ޗައިނާއަށް ގޮވާލާފައެވެ. މިމައުލުމާތަކީ ކޮވިޑްގެ އަސްލު ދެނެގަތުމަށް އިންތިހާއަށް އެހީވެދޭނެ މައުލޫމާތުތަކެއް ކަމަށް ގަބޫލު ކުރެވެއެވެ.
ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯއިން މި އަހަރުގެ ކުރީކޮޅު ހިންގި ތަހުގީގުތަކުން ވަކި ގޮތެއް ކަނޑައެޅިފައި ނުވާއިރު، ތަހުގީގު ދެވަނަ މަރުހަލާއަށް ޗައިނާއިން ވަނީ ހުރަސް އަޅާފައެވެ. އަދި މިއީ ޗައިނާގެ ލެބަކުން ލީކުވީ ވައިރަހެއް ކަމަށް ބުނެ އެ ގައުމަށް އަމާޒު ކުރާ ތުހުމަތުތަކަށް، ޗައިނާއިން ތަކުރާރު ކޮށް އިންކާރު ކުރެއެވެ.