މާފަންނު ބޮޑުގޭގައި އިސްލާމީ މަރުކަޒެއް އެޅުމުގެ ވިސްނުމަށް ރައްޔިތުންގެ ހިޔާލު ހުށައަޅަން މާލެ ސިޓީ ކައުންސިލުން ހުޅުވާލައިިފިއެވެ.

ރައްޔިތުންގެ ހިޔާލަށް އެކަން ހުޅުވާލީ ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައެވެ. ސިޓީ ކައުންސިލްގެ ތަރައްގީގެ ޕްލޭން ހުށަހަޅުއްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑުގޭ ގޯތީގައި ހަދާ އިސްލާމީ މަރުކަޒުގެ ކުރެހުން ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ. މޭޔަރު ވިދާޅުވީ އެކަން އަދި އޮތީ ހަމައެކަނި ހިޔާލެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް އެކަން ހަގީގަތަކަށް ވެގެން ދާނީ ރައްޔިތުން އެކަމާމެދު ދެކޭގޮތެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

މޭޔަރު ހިއްސާ ކުރެއްވި ކުރެހުމުގައިވާ ގޮތުން އެ އިސްލާމީ މަރުކަޒަކީ ހަތަރު ބުރިއަށް އިމާރާތް ކުރުމަށް ފަރުމާކޮށްފައި ވާ ޒަމާނީ ފެންވަރުގެ މަރުކަޒެކެވެ. ރޭގެ ބައްދަލުވުމުގައި ގިނަބަޔަކު ވަނީ ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްގީކުރުމުގެ ހިޔާލަށް ތާއީދުކުރައްވާފައެވެ.

އޭގެ އިތުރުން ގަޑިބުރުގެ ގަޑި އަލުން އިއާދަކުރުމުގެ ހިޔާލާއި ކުރީގެ ރެންޓަލްސް ހުރި ތަނުގައި އޮތް ޕާކް ބުރިބުރިއަށް ނަގާފައިވާ ސައިކަލް ޕާކްކުރާތަނެއް ރެސްޓޯރެންޓަކާއެކު އަދި ތިރީގައި އަންހެނުންގެ މާރުކޭޓަކާއެކު ތަރައްގީކުރުމުގެ ހިޔާލާއި އެހެން ބައެއް ބިންތަކުގައި ގާޑަން ޕްލާޒާ ކޮންސެޕްޓައް ވިޔަފާރީގެ ބޭނުމާއި އިޖްތިމާއީ ބޭނުން ހިފޭ ތަންތަން ތަރައްގީކުރުމާއި މަލްޓި ލޭޔާ ކޮންސެޕްޓައް ބައެއް ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ ހިޔާލު ހުށަހެޅުއްވިއެވެ.

މާފަންނުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވިއެވެ. މޭޔަގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް ބައިވެރިވެވަޑައިގަތެވެ.

މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ހިޔާލު ހޯދުމަށް ބާއްވަމުން ގެންދާ ބައްދަވުން ތަކުގެ ތެރެއިން މާލޭ ސިޓީ ކައުންސިލުން ވަނީ ގަލޮޅު، ވިލިމާލެ، މައްޗަންގޮޅީގެ ރައްޔިތުންނާ ވެސް ބައްދަލުކޮށްފައެވެ.

ބައްދަލުވުންތައް ތާވަލު ކޮށްފައި ވާގޮތުން ދެން އެންމެ އަވަހަށް އޮންނާނީ ހެންވޭރު ބައްދަލުވުމެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހުގެރޭ 8:30 ގައި ކަލާފާނު ސްކޫލުގައެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ 21 ވަނަ ދުވަހުގެރޭ 8:30 ގައި ރެހެންދި ސްކޫލުގައެވެ. އަދި މީގެ އިތުރުން 20 ވަނަ ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި މާލޭ ސިޓީއަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް އެރޭ 8:30 ގައި އޮންނާނެއެވެ.