މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް މެންބަރުން އިތުރުކުރުމަށް 11 ރަށެއްގައި ފޯކަލް ޕޮއިންޓުން ކަނޑައަޅައިފިއެވެ.

މިމަހުގެ 5 އިން 12 އަށް ކޮޅުމަޑުލަށް ކުރި ދަތުރުގައި އެއަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކޮށް ޕާޓީގެ މައުލޫމާތު ހިއްސާކޮށް އެރަށްރަށުގައި އެމްއެންޕީގެ ފޯކަލް ޕޮއިންޓުން ވަނީ ހަމަޖައްސާފައެވެ.

އެމްއެންޕީގެ އައްޑޫ ސިޓީ ހިތަދޫގެ އޮފީސް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ޕާޓީއަކީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް ރައްޔިތުން އެދޭ ކަންކަން ހާސިލު ކޮށްދޭނެ ޕާޓީއެއް ކަމަށް އެ ޕާޓީއިން ދަނީ ބުނަމުންނެވެ.

އެމްއެންޕީން ހާމަ ކޮށްފައިވާ ގޮތުގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި ރާއްޖެތެރޭގެ އެކިރަށްތަކަށް ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރަށް އަވަހަށް ޕާޓީގެ ވަފުދެއް އައްޑުއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަައެވެ.

އެ ޕާޓީގައި އިސްކޮން އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުސާމް އާއި، ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭ4) އެވެ.

އެމްއެންޕީން މިހާރު ކުރަމުން ދާ މަސައްކަތަކީ 3000 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތެވެ.