ސްކޫލް ނިމުނު ދަރިވަރުންނަށް ވެކްސިން ޖަހާނީ ކިޔެވި ސްކޫލް މެދުވެރިކޮށް ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ އެހެން ވިދާޅުވީ އެޗްއީއޯސީއާއި މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ "ހާލުބެލުން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޑރ. ނަޒްލާ ވިދާޅުވީ ސްކޫލް ނިންމި ކުދިންނަށް ވެކްސިން ޖަހަން އަންގާނީ ކިޔެވި ސްކޫލްގެ ފަރާތުން ކަމަށެވެ. އެގޮތުން ސްކޫލުން ދަރިވަރަށް އެންގުމުން އެޕޮއިންޓްމަންޓް އުސޫލުން މާލެ ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަދި ރަށްރަށުގަ ސްކޫލްތަކުން ކުދިންނަށް އެންގުމުން އެރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި އަންނަ އާދިއްތަ ދުވަހު ފައިޒާ ވެކްސިން ޖަހަން ފަށާއިރު ފައިޒާ ވެކްސިން ރާއްޖޭގައި ޖެހުމަށް ހަމަޖެހިފައިވަނީ އުމުރުން 12އަހަރާ 17އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުންނަށާއި، މާބަނޑު މީހުންނާއި އަދި ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި އެފަދަ ބަލިތަކަށް ބޭސް ބޭނުންކުރާ މީހުންނަށެވެ.

ސްކޫލްތަކުގައި ވެކްސިން ކެމްޕޭން ކުރިއަށް ގެންދިއުމަށްޓަކާ މީހުން ތަމްރީން ކުރަމުން ދާ ކަން ޑރ. ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ.