ވެކްސިން ފުރިހަމަ ނުކުރާ ސިވިލް ސާވިސްގެ މުވައްޒަފަކުން ވަޒީފާއަށް ނިކުންނަން ޖެހޭނީ ޕީސީއާރް ޓެސްޓު ހަދައިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

ސީއެސްސީއިން ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް، ސިވިލް ސާވިސްގެ މުވައްޒަފުގެ ތެރެއިން ވެކްސިން ޖެހުމުގެ ޝަރުތު ފުރިހަމަވާ މުވައްޒަފުން ވެކްސިން ޖެހުމަށާ، އަދި ވެކްސިން ޖެހުމުގެ ޝަރުތު ފުރިހަމަވާ މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފާ ނުވާ މުވައްޒަފުން، ސެޕްޓެންބަރު 1، 2021 ވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނަން ވާނީ ޕީސީއާރު ޓެސްޓު ހަދައިގެން ކަމަށެވެ.

އެގޮތުން ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓު ހަދައިގެން ވަޒީފާއަށް ނުކުތުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ ކަމަށް ސީއެސްސީން ބުނެއެވެ.

އެހެން ކަމުން ސެޕްޓެންބަރު 1، 2021 ވަނަ ދުވަހުން ފެށިގެން ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުތު ފުރިހަމަވެ ވެކްސިން ޖަހާފަ ނުވާ މުވައްޒަފުން، އަންގާފައިވާ ގޮތަށް އަމަލުކުރުމަށް އަދި މުވައްޒަފުން އެ ގޮތުގެ މަތިން އަމަލުކުރާކަން ސިވިލް ސާވިސްގެ އިދާރާތަކުން ކަށަވަރުކުރަމުން ގެންދިއުމަށް ވަނީ އެދިފައެވެ.

ސީއެސްސީން އެހެން އަންގާފައިވާއިރު އެޗްޕީއޭއިން ވެސް ވަނީ ވެކްސިނަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް ބާރު އެޅުމަށްޓަކާ ވެކްސިން ޖެހުމަށް ޝަރުތުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތަކާމެދު، ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

އަޅާފައިވާ ފިޔަވަޅުތައް:

  • ހޮޓާ ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން.
  • ޖީމްތަކާއި، ސެލޫންތަކާއި، ސިނަމާތަކުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން.
  • ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފުލައިޓް ތަކުން ދަތުރު ކުރުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން.
  • ރައްޔިތުންނާ ގާތުން ދޭންޖެހޭ އާންމު ހިދުމަތްތައް ދޭ ފަރާތްތަކަށް (ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައް ފަދަ، ވަކި ކަންކަމެއް ޝަރުތުކުރުން.
  • އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ހާޒިރުވުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން

އެކަންކަމާމެދު ކަމާގުޅޭ މުއައްސަސާތަކުން ޝަރުތުތަކާ ފިޔަވަޅުތައް ކަނޑައަޅާ ސެޕްޓެމްބަރު 1، 2021 އިން ފެށިގެން އަމަލުކުރުމަށް އެފަރާތްތަކަށް އަންގާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.