ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ގިންތި ކޮށްފައި ވާ "ބެނޫ" ގިނިހިލަ، ދުނިޔޭގައި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ ރިސާޗަރުން ބުނެފިއެވެ.

ދުނިޔެއާ ގާތްގަނޑަކަށް 100 މިލިއަން މޭލު ދުރުގައިވާ ބެނޫ ގިނިހިލައަކީ، ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގެ އެންމެ ފުރަތަމަ ދުވަސްވަރު އުފެދިފައިވާ އެއްޗެއް ކަމަށާ، މި ގިނިހިލައަކީ ދުނިޔެއާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިއްބައިދޭނެ ގިނިހިލައެއް ކަމަށް ސައެންސްވެރިން ގަބޫލު ކުރެއެވެ.

4.5 ބިލިއަން އަހަރު ވެފައި ވާ ގިނިހިލަ، ދުނިޔެ ކައިރިން ދަތުރު ކުރާ މަންޒަރު ފެންނަ ތަސްވީރެއްވެސް ނާސާއިން ވަނީ އާންމު ކޮށްފައެވެ. ބެނޫ ގިނިހިލަ، ދުނިޔެ ކައިރިން ދަތުރު ކުރާ މަންޒަރު ފޮޓޯ ނަގާފައި ވަނީ، އެ ގިނިހިލައިން ހިލަޔާއި ވެލީގެ ސާމްޕަލް ނަގައިގެން ދުނިޔެއަށް ދަތުރު ކުރަމުން އަންނަ އޮޒައިރިސް ރެކްސް ސްޕްރޭސްކްރާފްޓުންނެވެ.

ބެނޫ ގިނިހިލައަކީ 1650 ފޫޓުގެ ގިނިހިލައެއް ކަމަށް މައުލޫމާތު ލިބެއެވެ. އޮޒައިރިސް ރެކްސް ސްޕްރޭސްކްރާފްޓު ދުނިޔެއަށް އެނބުރި ވަންނާނީ ސެޕްޓެމްބަރު 24، 2023 ގައެވެ.

ބޭނޫ ގިނިހިލަ ފެނުނީ 1999 ވަނަ އަހަރުއެވެ. މި ގިނިހިލަ ދުނިޔެއާއި އެންމެ ގާތުން ދަތުރު ކުރާނެ ކަމަށް ބެލެވެނީ 2135 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ގިނިހިލަ ދުނިޔޭގައި ޖެހުމަށް އޮތީ 2700 އިން 1 ގެ ފުރުސަތެއް ކަމަށް މައުލޫމާތު ލިބެއެވެ.