ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށްރަށަށް ދަތުރުކުރާ ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިން ޗެކް-އިން ކުރާތާ 7 ދުވަސް ވުމުން ޕީސީއާރު ޓެސްޓް ހަދަންވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި އިއުލާނުގައި ބުނެފައިވަނީ މީހިން ދިރިއުޅޭ ރަށްރަށަށް ޗެކް-އިން ކުރެވޭނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަތުރުވެރިންނަށް ކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަނުވާ ފަތުރުވެރިންނަށް ޗެކް-އިން ކުރެވޭނީ ވެކްސިން ކަވަރޭޖް ފުރިހަމަވެފައިވާ ރަށްތަކުގެ ގެސްޓްހައުސްތަކަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށެއްކަމުގައި ބެލެވޭނީ ރަށުގައި ދިރިއުޅޭ މުޅި އާބާދީގެ 60 ޕަސަންޓަށް ވެކްސިން ޑޯޒް ފުރިހަމަކޮށް ރަށުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް 95 ޕަސަންޓު މީހުން ވެކްސިން ފުރިހަމަކޮށްފައި ވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސަންޓު މީހުން ވެކްސިންގެ ޑޯޒް ފުރިހަމަކުރަންޖެހޭ ކަމަށާ ވެކްސިންގެ ޑޯޒް ފުރިހަމަވި ކަމަށް ބެލެވޭނީ ވެކްސިންގެ ޖަހަންޖެހޭ ޑޮޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ހަމަވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަދި މާލޭ ސަރަހައްދުގައި ވެކްސިނޭޝަނަލް ކަވަރޭޖް ފުރިހަމަވެފައިނުވާތީ ވެކްސިން ޑޯޒް ހަމަނުވާ ފަތުރުވެރިންނަށް ގްރޭޓާ މާލެ އޭރިއާގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ނުވެވޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.