ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަނެއްކާވެސް މަރްޔަމް ރިޝްފާ އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރިޝްފާ މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ރިޝްފާ ވަނީ، ހައިކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ކުރިމަތީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ރިޝްފާއާ ހަވާލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު އައްޔަނު ކުރެއްވި ރިޝްފާ މީގެކުރިން ވެސް ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް އަދާކުރައްވާފައެވެ. އަދި، ޕާޓް-ޓައިމް ލެކްޗަރާއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ހަރަކާތްތެރިވެފައެވެ.

އޭގެ އިތުރުން ރިޝްފާ ވަނީ ވިލާ ކޮލެޖްއިން މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވާފައެވެ. އަދި ވިލާ ކޮލެޖްއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވެސް ރިޝްފާ ވަނީ ހާސިލްކުރައްވާފައެވެ.