ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިނިސްޓާ އޮފް ސްޓޭޓް ފޮ ފިނޭންސްގެ މަގާމަށް މ. ބަޑިކުޅިމާގެ، އަނަސް އަބްދުއްސައްތާރު އައްޔަން ކުރައްވައިފިއެވެ.

އަނަސް އަކީ މާލޭ ސިޓީގެ މޭޔަރު ކަަމަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ފަރާތެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އަނަސް އަބްދުއްސައްތާރަށް ސްޓޭޓް މިނިސްޓަރު ކަމުގެ ލިޔުން ހަވާލު ކުރައްވާފައެވެ.

އަނަސް އަބްދުއްސައްތާރަކީ، ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗަލަރ އޮފް ލޯސް އެލްއެލްބީ (އޮނާސް) ޝަރީއާ އެންޑް ލޯ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އަނަސް އަބްދުއްސައްތާރު އަދާކުރައްވާފައި ވަނީ ވަކާލާތު ޗޭންބާސްގެ މެނޭޖިންގް ޕާޓްނަރުގެ މަގާމެވެ. އަދި، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިގެ ސެކްރެޓެރީ-ޖެނެރަލްގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

މީގެ އިތުރުން، އަނަސް އަބްދުއްސައްތާރަކީ ސަރުކާރުގެ އެތައް ކުންފުންޏެއްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮއްޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)، ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ.

އަދި 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެއްގެ މަގާމު ވެސް އޭނާ ފުރުއްވާފައި ވެއެވެ.