އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ބޭރުގެ 25 ގައުމަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް އިމްތިހާނު ނުހަދާ ދާއިމީ ލައިސަންސް ދިނުމަށް ނިންމައިފިއެވެ.

ބިދޭސީންނަށް ލައިސަންސް ދޫކުރުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައި ބުނީ ރާއްޖޭގެ ލައިސަންސަށް އެދެން ބޭނުންވާ ނަމަ ގައުމަކުން ހޯދާފައިވާ ލައިސަންސާއި، ޕާސްޕޯޓް ކޮޕީއާއި، ވޯކް ޕާމިޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ލައިސަންސް ދޫކުރަން 250 ރުފިޔާގެ ފީއެއް ނަގާނެ ކަަމަށެވެ.

އެގޮތުން 25 ގައުމެއްގެ ބިދޭސީންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސަންސް ދޫކުރުމަށް ނިންމާފައިވާ ކަމަށް ވެއެވެ. އިމްތިހާނާ ނުލައި ލައިސަންސް ދޫކުރަން ނިންމީ އަފްގާނިސްތާން، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނައީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، ޔޫކޭ، އެމެރިކާ، ޗައިނާ، ޔޫއޭއީ، ސްވިޒަލެންޑް، ސައުދީ އަރަބިޔާ، ބެލްޖިއަމް އަދި ޖަރުމަނުގެ ލައިސަންސަށެވެ.

ބިދޭސީ ލައިސަންސް ދޫކުރާ އިރު އެ ފަރާތުން ހުށަހަޅާ އެ ގައުމުގެ ލައިސަންސްގެ ސައްހަކަން ކަށަވަރު ކުރާނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ. އެ ގޮތުން އެކަން ކުރާނީ އޮންލައިންކޮށް ކަމަށާއި އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުކުރެވޭ ލައިސަންސްގެ ސައްހަކަން ކަށަވަރުކުރަން އެމްބަސީގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެއެވެ.

މީގެ އިތުރުން މި ލިސްޓްގައި ނުހިމެނޭ ގައުމުތަކުގެ ލައިސަންސަށް ބިނާކޮށް ދިވެހި ލައިސަންސް ހައްދާނަމަ ހަމަ އެކަނި ތިޔަރީ އިމްތިހާނެއް ފުރިހަމަ ކުރުމުން ފުދޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މަސައްކަތް ކުރާ ބިދޭސީންގެ ތެރޭގައި ހިމެނޭ ގިނަ ގައުމުތައް އެ ލިސްޓުގައި ހިމެނއެވެ. ނަމަވެސް ރާއްޖެއަށް އެންމެ ގިނަ ބިދޭސީން އަންނަ ބަންގްލަދޭޝް އެ 25 ގައުމުތަކުގެ ތެރޭގައި ނުހިމެނެއެވެ.